ޏ. ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ޑްރަގް ކެފޭއެއް ބަންދުކޮށް، ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ފުވައްމުލަކުގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުވައްމުލަކު ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އެ ރަށު ދޫޑިގަން މާދޫގެ، އަހްމަދު ރަޝީދާއި ދޫޑިގަން ރޫބީ، މުހައްމަދު ޝާޒެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު ޝާޒް 15 ދުވަހަށް އަދި އަހްމަދު ރަޝީދު 12 ދުވަަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ރަށު ދޫޑިގަން މާދޫގޭގައި، އަހްމަދު ރަޝީދު ދިރިއުޅޭ ބައިގައި މަސްތުވާތަކެތި ކެފޭގެ އުސޫލުން ހިންގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލައާ ގުޅިގެން އެ ގޭގެ އެ ބައި 90 ދުވަހަށް ބަންދުކުރުމަށް ވެސް ކޯޓުން އިއްޔެ އަމުރުކޮށްފައިވާ ކަމަށެވެ.
ޑްރަގް ކެފޭއެއް ކަމަށް ތުހުމަތު ކުރެވިގެން، މާލެ ނޫން ރަށަކުން ތަނެއް ފުރަތަމަ ފަހަރަށް ބަންދުކުރީ ވެސް ފުވައްމުލަކުގަ އެވެ. މިދިޔަ މެއި މަހު ބަންދުކުރީ ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކުރަމުން ދިޔަ އެ ރަށު ފުނާޑު، ގުލިސްތާނުގޭގައި ހުރި ތަނެކެވެ.
ފުލުހުން ވަނީ ފުވައްމުލަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ވެސް މި އަހަރު ކުރީކޮޅު ހިންގައި، ބޮޑު ނެޓްވޯކެއް އަތުލައިގެންފަ އެވެ.