އުމްރާއަށް ގެންދަން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އަސްކޮއި ކުންފުނިން ހިޔާނާތްތެރިވި ފައިސާގެ އަދަދު 2.6 މިލިއަން ރުފިޔާއަށް ވުރެ ބޮޑުކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. 

ފުލުހުން ބުނީ އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑުން އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ކަމަށެވެ. 

އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އިސްލާމިކް މިނިސްޓްރީންނެވެ. 

އެ މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިދިޔަ ބުދަ ދުވަހު ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަސްކޮއި ކުންފުނީގެ ހަވާލުގައި އުމްރާއަށް ގެންދިއުމަށް 109 މީހަކު ފައިސާ ދައްކާފައިވާ ކަމަށާއި އަދި އެ ފައިސާއަށް އެ ކުންފުނިން ހިޔާނާތްތެރިވެފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހިޔާނާތްތެރިވި ފައިސާގެ އަދަދު 2،660،300ރ. އަށް އަރާ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

އުމްރާއަށް ގެންދަން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ މައްސަލާގައި އެ ކުންފުނި މިދިޔަ އަހަރު މެއި މަހު ޖޫރިމަނާ ވެސް ކުރި އެވެ. 

އަސްކޮއިގެ ސަބަބުން ލަނޑު ލިބުނު މީހަކު އޭރު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އުމްރާގެ މަތިވެރި އަޅުކަމަށް ދިއުމަށް ފޮނި އުންމީދުތަކެއް ކުރަމުން އައި އެތައް ބައެއްގެ އަތުން ދުރާލައި ފައިސާ ނެގުމަށްފަހު ފުރުމަށް ހަފުތާއަކަށް ވެފައި ވަނިކޮށް އުމްރާއަށް ނުދެވޭނެ ކަމަށް އެންގި ކަމަށެވެ. 

އުމްރާއަށް ގެންދަން މީހުންގެ އަތުން ފައިސާ ނަގައި ހިޔާނާތްތެރިވުމުގެ ރެކޯޑް އޮންނަ އެ ކުންފުނީގެ މައްޗަށް މި އަހަރުގެ ތެރޭގައި ދެ ހުކުމެއް ވެސް އައިސްފައިވެ އެވެ. 

އުމްރާއަށް ގެންދަން ފައިސާ ނެގުމަށް ފަހު، އަޅުކަމަށް ނުގެންދިޔަ މައްސަލާގައި އެ ކުންފުންޏާ ދެކޮޅަށް ދައުވާކުރި އާއިލާއަކަށް 185،000 އަށް ވުރެ ގިނަ ރުފިޔާ ދައްކަން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ހުކުމްކުރި އެވެ. އަދި އެ ކުންފުނިން ލަނޑުދިން އެހެން ބަޔަކަށް 155،700ރ. ދައްކަން ވެސް އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހު ހުކުމްކުރި އެވެ. 

ކުންފުނިތަކުގެ ރަޖިސްޓްރީގައިވާ ގޮތުގައި، އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޑެޓުގެ ވެރިންނަކީ އަބްދުﷲ ރަޝީދާއި އަހްމަދު ސަނިލް އެވެ. މީގެ އިތުރުން އަސްކޮއި ހައްޖު އުމްރާ ގްރޫޕްގެ ނަމުގައި ވެސް ވަނީ ކުންފުންޏެއް ހަދައިފަ އެވެ.