ރިއަލް އެސްޓޭޓް ގާނޫނެއް ހަދަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ހިޔާލު ވެސް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ރިއަލް އެސްޓޭޓް ބިލަށް ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ހިޔާލު ހޯދަން، ގައުމީ ތަރައްގީ އާއިި ތަރިކައިގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ. ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ ހުށަހެޅުއްވި އެ ހުށަހެޅުން ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލަށް ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ހިޔާލު ހޯދަން، ފުރަތަމަ ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރެވެ. ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ސަމީރު އެގޮތަށް ހުށަހެޅުއްވި ނަމަވެސް އެ ހުށަހެޅުމަށް އެއްވެސް މެންބަރަކު ތާއީދު ނުކުރެއްވުމުން އެ ދުވަހު ވޯޓަކަށް ނާހަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ކޮމިޓީގެ މައްސަކަތް ކުރިއަށް ގެންދާނީ މައިނޯރިޓީ އަށް އިހުތިރާމްކޮށްގެން ކަމަށާއި ސަމީރު ހުށަހެޅުއްވި ގޮތަށް، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ހިޔާލު ހޯދަން ފެނިވަޑައިގަންނަވާ ކަމަށެވެ.
"މައިނޯރިޓީއަށް އިހުތިރާމްކުރުމުގެ ގޮތުން، ސަމީރު އެ ހުށަހެޅުއްވި ހުށަހެޅުން [ބުރާސްފަތި ދުވަހު ހުށަހެޅުއްވި ހުށަހެޅުން] ވެސް އެެއީ ރަނގަޅުކަމެއް ކަމުގައި އަޅުގަނޑުމެން ބަލައިގަންނަ ހާލުގައި އަޅުގަނޑު ހުށަހަޅަން ސިޔާސީ ޕާޓީތަކުގެ ތެރެއިންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން މި ބިލަށް ކޮމެންޓް ކުރަން ބޭނުންވާ ފަރާތްތައް ދޭ ޑިސެމްބަރުގެ ކުރިިން ލިއުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ފަހުން ވިދާޅުވި ގޮތުގައި ޕާޓީތަކާއި ޖަމިއްުޔާ ޖަމާއަތްތަކުން މަޖިލީހަށް ލިއުމުން ހުށަހަޅަން ޖެހޭނީ ބިލަށް ހުށަހަޅާ ހިޔާލެއް ނޫނެވެ. އޭގެ ބަދަލުގައި އެކަމަށް އެދޭ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތައް ކޮމިޓީއަށް ހާޒިރުވެ، ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދޭނެ އެވެ.
ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ނިންމީ ރިއަލް އެސްޓޭޓް ބިލާ ގުޅުން ހުރި މުއައްސަސާތަކުން އެ ބިލަށް ލިއުމުން ހިޔާލުތައް ފޮނުވުމުގެ ފުުރުަސަތު ދިނުމަށެވެ. އެކަން ވެސް މިއަދުގެ ބައްދަލުވުމުގައި ބަދަލުކޮށް، އެ މުއައްސަސާތަކުން ކޮމިޓިއަށް ހާޒިރުވާ ގޮތަށް ނިންމި އެވެ.
ރިއަލްއެސްޓޭޓް ބިލަށް ލިއުމުން ހިޔާލު ހޯދާނެ މުއައްސަސާތަކުގެ ގޮތުގައި ކޮމިޓީން އެ ދުވަހު ކަނޑައެޅީ އިކޮނޮމިކް މިނިސްޓްރީ އާއި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި ވިޒިޓް މޯލްޑިްވްސް ކޯޕަރޭޝަނެެވެ.
އެ ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ޑިސެމްބަރު ދެވަނަ ދުވަހާ ހަމައަށް ހުޅުވާލަން ވެސް ކޮމިޓީން ކުރިން ވަނީ ފާސްކޮށްފަ އެވެ.