ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ވިޔަފާރިކުރާ މައްސަލަ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އުފައްދާފައިވާ ޓާސްކްފޯސްއިން ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހާއްސަ ޓިކްޓޮކްގައި ޕޭޖުތައް ހަދައިގެން ބިދޭސީން ވިޔަފާރިތައް ކުރުން ވަނީ އާންމުވެފަ އެވެ. ދިވެހިން ކުރާ ވިޔަފާރިތަކަށް އެފަދަ ވިޔަފާތިތަކުގެ ސަބަބުން ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ އާންމުން އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ހެދުން ވިއްކުމާއި އެ މީހުން ދިރިއުޅޭ ތަންތަނުގައި ކޭކު އަޅައިގެން ވިއްކުމާއި ގިފްޓް ޕެކް ހަދައިގެން ވިއްކާ ޕޭޖުތަކާއި ގޭގައި ކާއެއްޗެހި ހަދައިގެން ވިއްކާ ބިދޭސީންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަދި އެ މިނިސްޓްރީގެ ސްޕޯކްސްޕާސަން ފާތިމަތު ރިފާތު ވިދާޅުވީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެގޮތަށް ބިދޭސީން ވިޔަފާރިކުރުމަކީ މަނާ ކަމެއް ކަމަށާއި ބިދޭސީންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ޓާސްފޯހުން އެކަން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި އެ މަސައްކަތުގެ ތެރެއިން ހިންގާ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިސާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިސާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތަކުގައި އުޅުމެވެ.