ލ. ގަމު ރީޖަނަލް ހޮސްޕިޓަލް އައިސީޔޫގެ ސީލިންގުން ބައެއް ވެއްޓިއްޖެ އެވެ.

އެ ހޮސްޕިޓަލްގެ ސީއީއޯ އަބްދުލް ހަންނާން އަބްދުއްރަހީމް "މިހާރު" އަށް މިއަދު ވިދާޅުވީ އޭސީގެ ހޮޅިން ފެން ލީކުވެގެން އެ ހާދިސާ ހިނގިއިރު އައިސީޔޫގައި އެއްވެސް މީހަކު ނެތް ކަމަށެވެ.

އައިސީޔޫ ހަދާފައި ހުންނަނީ ހަތަރު ސެލްއެއް ގޮތަށް ވަކިން ދޮރުޖަހައި ބަންދުކުރެވޭ ގޮތަށެވެ. އެ ކޮންމެ ތަނެއްގައި އޭސީ ހަރުކޮށްފައި ހުރެ އެވެ. 

ސީލިންގު ވެއްޓުނު ސެލްއަކީ އާއްމުކޮށް ބޭނުންކުރާ ތަނެއް ނޫން ކަމަށް ހޮސްޕިޓަލުން ބުންޏެވެ. 

ހަންނާނު ވިދާޅުވީ ވަކި ފިނިމިނެއްގައި ބަހައްޓަން ޖެހޭތީ ބަލި މީހަކު ނެތަސް އޭސީ ޖައްސާ ކަމަށެވެ. މި ފަހަރު ވެސް އެކަން ދިމާވީ، އޭސީ ޕަމްޕުން ފެން ބޭނުން ބޭރު ނުކުރެވި، ޖިޕްސަން ބޯޑާ ދިމާލުން ފެން ލީކުވެގެން ހުކުރު ދުވަހުގެ ދަންވަރު ވަގުތެއްގަ އެވެ. 

"މައްސަލަ ދިމާވި އޭސީ އަދި ސީލިންގު މަރާމާތުކުރުމުގެ މަސައްކަތް މި ވަނީ ފަށާފައި. މި ހާދިސާ ހިނގިއަސް ދެން ހުރި އައިސީޔޫ ސެލްތައް ބޭނުން ކުރެވޭނެ،" ހަންނާން ވިދާޅުވި އެވެ. 

"ސީލިންގު ފީވެގެން ހިނގި ހާދިސާއެއް ނޫން މިއީ. ސީލިންގު ފޯވެގެން ވެއްޓުނީ."

އޭނާ ވިދާޅުވީ އައިސީޔޫގައި މީހަކު ނެތް ނަމަ އެ ތަނަށް އެއްވެސް މީހަކު ނުވަންނާނެ ކަމަށެވެ. އެ ހާދިސާ ހިނގުމާ ހަމައަށް، އެ ތަން ބޭނުން ނުކުރާތާ ހަތަރު ދުވަސް ވެއްޖެ އެވެ. ފެން ލީކުވުމުގެ މައްސަލައެއް އުޅޭކަން ނޭނގުނީ ވެސް އެހެންވެ އެވެ.

"މިހާތަނަށް ވެސް އައިސީޔޫގައި އެއްފަހަރާ އެންމެ ގިނަ މީހުން އެޑްމިޓުކޮށްގެން ފަރުވާދީފައިވަނީ ތިން މީހުންނަށް. ސީލިންގު ވެއްޓުނު ސެލްއަކީ އާއްމުކޮށް ބޭނުންކުރާ ތަނެއް ނޫން." ހަންނާން ވިދާޅުވި އެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން މިހާރު ހިންގަނީ ސުނާމީ ކާރިސާއަށްފަހު ރެޑް ކްރެސެންޓުން 2011 ވަނަ އަހަރު ބިނާކޮށްދިން ތަނެއްގަ އެވެ.

ހަންނާން ވިދާޅުވީ އެކި ހިސާބުތަކުގެ މީހުންނާއެކު ދުވާލެއްގެ މައްޗަށް 300 އެއްހާ މީހުން އޯޕީޑީގައި ހިދުމަތް ހޯދާ ކަމަށެވެ. އަދި އެޑްމިޓްވެގެން ދުވާލަކު ނުވަ ވަރަކަށް މީހުންނަށް ފަރުވާ ދެ އެވެ. އެ ތަނުގައި ތަފާތު 30 ސްޕެޝަލިޓީގެ ހިދުމަތް މި ވަގުތު ވެސް ދެ އެވެ.