ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދޫކުރާ ލޯނުތަކުގެ އެޕްލިކޭޝަން ބަލައިގަންނަ އެންމެ ދޮށީ އުމުރަކީ 75 އަހަރު ނުވަތަ އެ އަށް ވުރެ މަތީ އުމުރެއް ކަމުގައި ހަމަޖައްސައިދޭން އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، އުމުރުން ދުވަސްވީ އާންމު މީހަކު "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ދެންނެވި ސުވާލެއްގެ ޖަވާބުގަ އެވެ.

އެ މީހާ ބުނީ، އަމިއްލަ ބިމުގައި ގެދޮރު އިމާރާތްކުރުމަށް ލޯނެއް ހޯދުމަށް މަސައްކަތްކުރިއިރު، ބޭންކުތަކުން ކަނޑައަޅާފައިވާ އުމުރުން 60 އަހަރުގެ ލިމިޓަށް ވުރެ އޭނާގެ އުމުރު މަތިވެފައިވާތީ ލޯނު ލިބޭގޮތް ނުވި ކަމަށެވެ.

ދަރިންގެ ތައުލީމީ ބޭނުންތަކަށާއި އެހެނިހެން ކަންކަމަށް މިހާރު ވެސް ލޯނު ނަގާފައިވާތީ، ދަރިންގެ ނަމުގައި ލޯނު ނަގައިގެން ވެސް އެކަން ކުރެވެން ނެތް ކަމަށް އެ މީހާ ބުންޏެވެ. އަދި ލޯނު ނަގައިގެން 10 ބުރީގެ އިމާރާތެއް ހެދުމުން އެ ތަނުގެ އަގު ހުންނާނެތީ، ލޯނު އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި އެ އިމާރާތް ނުވަތަ އެސެޓް ބޭންކަށް ނެގޭނެ އުސޫލެއްގެ ތެރެއިން ނަމަވެސް އުމުރުން ދުވަސްވީ މީހުންނަށް ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އޭނާ ވަނީ ރައީސްގެ އަރިހުގައި އެދިފަ އެވެ.

އެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ފަހު، ރައީސް މުއިއްޒު ވިދާޅުވީ ދިވެހިންގެ އެވްރެޖް އުމުރު މިހާރު ގާތްގަނޑަކަށް 80 އަހަރަށް އަރާފައިވާއިރު، ބީއެމްއެލް އިން ލޯނު ދޫކުރުމުގައި އަމަލުކުރަމުންދާ 60 އަހަރުގެ މިންގަނޑަކީ އެންމެ އެކަށީގެންވާ އުސޫލެއް ނޫން ކަމަށެވެ.

"އޭގައިވެފައި އޮތް ގޮތަކީ ތަންކޮޅެއް ކުރިން އަޅުގަނޑުމެންގެ އެވްރެޖް އޭޖް ތަންކޮޅެއް ކުޑަ. ކުރިން މި އުޅެނީ 60 އަހަރުގައި. މިހާރު 80 ހިސާބުގައި މި އުޅެނީ،" ރައީސް ވިދާޅުވި އެވެ.

އެ ލިމިޓް 65 އަހަރަށް ނުވަތަ އެ އަށް ވުރެ މައްޗަށް ބަދަލުކޮށްދޭން ބީއެމްއެލް އާއި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން ބެންކުގައި އެ އަށް ބަދަލެއް ގެނެސްދޭށޭ. ކަމާބެހޭ ވުޒާރާގައި ފިނޭންސް މިނިސްޓްރީގައި ދަންނަވާފައިވާނެ. އަޅުގަނޑު އެދިފައި އޮންނާނީ 75 އަހަރާ ހަމައަށް ނޫނީ އެ އަށް ވުރެ ވެސް މައްޗަށް އޭޖް ލިމިޓް ބަދަލުކޮށްދެއްވަން،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން އެ މައްސަލައާ ގުޅިގެން މިހާރު ވެސް ބައެއް ހެޔޮ ބަދަލުތައް އައިސްފައި ހުރުން އެކަށީގެންވާ ކަމަށާއި ކަމާގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން އެކަމަށް އެދެވޭ ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ރޭ ދެއްވި އެވެ.