ސިނަމާލެ ބްރިޖުގެ ޓްރެފިކް ބަލަހައްޓަން ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ގަސްތުގައި ޖެއްސި މައްސަލާގައި ހައްޔަރުުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކަށް ދައުވާކުރުމަށް ފޮނުވުމަށް ފަހު، އެކަކު ފިޔަވައި އެމީހުން ދޫކޮށްލައިފި އެވެ. 

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ފުލުސް މީހާގެ ގައިގައި ޖެއްސި ސައިކަލްގައި ތިބި ދެ މީހުންނާއި އެ މީހުންނާ ގުޅުން އޮތް ކަމުގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުންނެވެ. 

އެ މައްސަލާގައި މިވަގުތު ބަންދުގައި ބަހައްޓާފައި ހުރީ ހދ. ކުޅުދުއްފުށި، އުއްދަޑިމާގެ، އަބްދުﷲ ސައްމާހް ހަސަން، 20، އެކަންޏެވެ. އޭނާ، އިތުރު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ. 

އެ މައްސަލާގައި ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލާފައި ވަނީ ހ. ފިލްމީސައިޓް، އަނޫފް ބިން މުހައްމަދު، 21، އާއި ކ. ގާފަރު، މަލަ، އަހުމަދު ޝިނާޒު، 30، ގެ އިތުރުން ސ. ހިތަދޫ، ފެނީވާ، އަހުމަދު މާއިޝް މުހައްމަދު، 21، އެވެ. 

އެ އެންމެން މައްޗަށް ވެސް ފުލުހުން ކުރަނީ މަސްތުގެ ހާލަތުގައި ތިބެ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ތުހުމަތެވެ. 

ރަށުން ބޭރަށް ދިއުން މަނާކޮށް، ތިން މީހުން ދޫކޮށްލުމަށް ކުރި އަމުރުގައި ބުނީ އެ މައްސަލައިގައި ހިމެނޭ އެކްސިޑެންޓު ހިނގާފައި ވަނީ އެމީހުން ދުއްވަން އިން ސައިކަލުން ނޫން ކަމަށެވެ. އަދި އެމީހުން ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް ޕީޖީ އޮފީހުން އެދިފައިވާ ކަމަށް އަމުރުގައިވެ އެވެ.  

ބަންދުން ދޫކުރަން ކުރި އަމުރުގައިވާ ގޮތުން އެ މައްސަލާގައި ޕީޖީ އޮފީހަށް ދައުވާކުރުމަށް ފޮނުވާފައިވާއިރު މައްސަލަ ވަނީ ބަލައިގެންފަ އެވެ.

ސައްމާހުގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ދުއްވަން އިން ސައިކަލަކުން އެކްސިޑެންޓް ހިނގައި ފުލުހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ. އަދި މެޑިކޯ ލީގަލް ރިޕޯޓުން ލިބިފައިވާ އަނިޔާތައް ވެސް ސާފުވާ ކަމަށް އަމުރުގައިވެ އެވެ. 

ސައިކަލު ދުއްވީ ބާރު ސްޕީޑުގައި ނޫން ކަމަށާއި އެއީ އޭނާގެ ރައްޓެއްސެއްގެ ސައިކަލެއް ކަމަށް އޭނާ ކޯޓުގައި ބުނެފައިވެ އެެވެ. އެކަމަކު ފުލުހުންގެ ބަޔާނުގައިވާ ގޮތުން އޭނާ ސައިކަލު ދުއްވާފައި ވަނީ ވަރަށް ބާރު ސްޕީޑެއްގަ އެވެ. އަދި ސައިކަލު ދުއްވިއިރު ތުހުމަތުކުރެވޭ ފަރާތް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ވެސް ބުނެފައިވާ ކަމަށް އަމުރުގައިވެ އެވެ. 

މީގެ ކުރިން ބޭއްވި ބަންދު މަޖިލީހެއްގައި ފުލުހުން ބުނެފައިވަނީ ބާރު ސްޕީޑުޑުގައި ނުރައްކާތެރިކޮށް ހައިވޭގައި ސައިކަލު ދުއްވަމުން ގޮސް އެ ސައިކަލު ފުލުހުން ޖަހާފައި ހުރި ވީސީޕީގެ ބެރިކޭޑުގައި ޖެހި އެތަނުގައި ހުރި ފުލުހެއްގެ ގައިގައި ޖެހި ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށެވެ. 

ހަތަރު މީހުންގެ ވެސް ޔޫރިން ވަގުތީ ނަތީޖާއިން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

އެކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު އަހްމަދު މުހައްމަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީ ގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށެވެ. 

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެއްސުމުގެ ސަބަބުން ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންދިއުމުގެ އިތުރުން ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ލިބި، އޭޑީކޭ ހޮސްޕިޓަލްގައި ވަނީ ފަރުވާދީފަ އެވެ.