ދިވެހި ގައުމާއި ވަތަނުގެ ދިފާއުގައި ދިވެހީންގެ ފިކުރާއި އަމަލުތައް ސީދާކުރަންޖެހޭ ކަމަށާއި ގައުމުގެ ކުރިއެރުމާއި މަދަނީ ތަހުޒީބީ ހަޔާތަށް ޖާގަ ހޯދަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ދިވެހީންނަކީ ޒަމާނުއްސުރެ ގައުމީ ވިސްނުން އިސްކޮށް، ދުނިޔެއަށް އަންނަ ބަދަލުތަކާއެކު މަދަނީ ތަހުޒީބަށް މަރުހަބާ ކިޔާފައިވާ ބައެއް ކަމަށެވެ.
ރާއްޖޭގެ ތާރީހުގައި ތައާރަފުކުރެވުނު މުހިއްމު ބަދަލުތަކަށް ބައެއް ފަރާތްތަކުން ދެކޮޅުހެދިއަސް، ރައްޔިތުންގެ މެޖޯރިޓީން ގައުމީ މަސްލަހަތު އިސްކޮށް ކުރިއެރުން ހޯދާފައިވާކަމުގެ މިސާލުތައް، ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ ދައްކަވައިފަ އެވެ.
އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު އަމީންގެ ދައުރުގައި އަންހެން ކުދިންނަށް ތައުލީމު ދިނުމާއި ރަށްރަށުގެ މަގުތައް ކެނޑުމަށް އެޅުއްވި ފިޔަވަޅުތަކާއި ރައީސް އިބްރާހީމް ނާސިރުގެ ދައުރުގައި މަސްދޯނިފަހަރުގައި އިންޖީނު އެޅުމާއި ފަތުރުވެރިކަން ތައާރަފުކުރުމަށް ކުރެވުނު މަސައްކަތްތައް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ވިސްނާލީމާ އެނގޭނެ އެހެން މަދު ދެތިން މީހަކު ގެންގުޅޭ އެ ކަހަލަ ހީނަރު ވިސްނުމަކަށް ވުރެ، ގިނަ ބަޔަކު ގައުމަށް ހެޔޮ އެދިގެން އެދުވަހު އެ ނިންމި ނިންމުން ދިވެހީންގެ މުސްތަގުބަލަށް މާ އަލި މާ އުޖާލާ ދައުރުތަކެއް ގެނެސްދީފިކަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ހާދިސާތަކުން، ދިވެހިންގެ ގިނަ މީހުންނަކީ އަބަދުވެސް ކުރިއެރުމާއި ޒަމާނީ ތަރައްގީއަށް މަރުހަބާ ކިޔާ ބައެއްކަން އެނގޭ ކަމަށެވެ.
އިސްކުރަނީ ގައުމީ ވިސްނުންކަން ސާފުވާ ކަމަށާއި ދިވެހިން ވަނީ ހޭލުންތެރިކަމާއި މަދަނީ ތަރައްގީއަށް ބޮޑު ތަރުހީބެއް ދީފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުން ބޭނުންވަނީ ހޭލުންތެރި ދިވެހި ގައުމެއް. ދިވެހި ރައްޔިތުން ބޭނުންވަނީ މަދަނިއްޔަތެއް ލިބިފައިވާ ދިވެހިރާއްޖެއެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގާ މިއަދު ވެސް ދިވެހި ރައްޔިތުން ތިޔަ ތިއްބެވީ އެ ހަގީގަތުގެ މަތީގައި،"
ރައީސް ވިދާޅުވީ މި ސަރުކާރުގެ ތަރައްގީގެ ސިޔާސަތު ބިނާވެފައިވަނީ އިސްލާމްދީނުގެ މަތީގައިވާ މާނަވީ އިންސާނީ ބިނާކުރުމާއި މާއްދީ އުމްރާނީ ތަރައްގީގެ މައްޗަށް ކަމަށެވެ.
އެހެންވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އަދި ތަހުޒީބު މުޖުތަމައެއް ބިނާކުރަން އެންމެން އެއްބައިވަންތަކަމާއެކު ދެމިތިބުމަށް އެ މަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.
ޖުމްހޫރި ދުވަހުގެ މި ޖަލްސާގައި ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި 56 ބޭފުޅަކާއި މަތީ ދަރަޖަ ހޯއްދެއްވި 57 ބޭފުޅަކަށް ރައީސް ވަނީ އިނާމު ދެއްވައިފަ އެވެ.