ބައެއް ތަންތަނުގައި ރޯކުރަން ގޮވާލި މައްސަލާގައި ފުލުހުންގެ ބަންދުގައި ހުރި އަލީ ޖުމާންގެ ފޯނު، ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހުލީލްކުރަން މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުތަކުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ، ގޮވާލި މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ހއ. ބާރަށް، ކުއްޅަވައްގޭ، ޖުމާން ހައްޔަރުކުރީ މިދިޔަ އޮކްޓޫބަރު 22 ގަ އެވެ.
އޭގެ ފަހުން، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން އެކި ފަހަރު މަތިން ކޯޓަށް ހާޒިރުކޮށްފައިވެ އެވެ.
އެންމެ ފަހުން ދިން 15 ދުވަހުގެ މުއްދަތު ހަމަވާތީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 4 ވަނަ ދުވަހެވެ.
ބަންދު މަޖިލީހުގައި ފުލުހުން ވަނީ ޖުމާންގެ ފޯނު ޕާސްޕޯޑު ނުދޭ ކަމަށާއި ފޯނުގެ ލޮލް ކްރެކް ނުކުރެވޭ ކަމަށް ބުނެފަ އެވެ. އަދި އެކްސްގައި އޭނާ ޕޯސްޓުކުރި "ޑެތްޕުހު" އައިޑީގެ މައުލޫމާތު ހޯދަން ޕީޖީ އޮފީހާއެކު މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަމުގައި ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހުލީލްކުރަން މަސައްކަތްކުރަމުންދާ ކަމަށް އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) މައުލޫމާތު ދީފައިވާ ކަމަށް ކޯޓުގައި ފުލުހުން ބުންޏެވެ.
އެކްސްގެ އައިޑީގައި ހިމެނޭ އިތުރު ޕޯސްޓުތަކުން ޖުމާނާއި އައިޑީއާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ފަރާތުން ހެކި ހުށަހަޅާފައިވާ ކަމަށް ބަންދު އަމުރުގައިވެ އެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ޖުމާން، 25، ބުނީ ސަރުކާރުން ޔަހުދީންނަށް ބިންތައް ދޭތަން ބަލަން ނުތިބެވޭނެ ކަމަށާއި އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް، ހަމަނުޖެހުން ހިންގައި މުޒާހަރާ ވެސް ކުރަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ ރެޑްވޭވް ފިހާރަ ލޫޓުވާލަން ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ ތުހުމަތެވެ.