އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާތަބު ކުރާއިރު އޮނަރަބަލްގެ ލަގަބު ބޭނުންކުރަންޖެހޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.

ޖޭއެސްސީން ކުރިން ހަމަޖައްސާފައި އޮންނަ ގޮތުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިތުރުން އެހެން ކޯޓުތަކުގެ ފަނޑިޔާރުންނާ މުހާބަތު ކުރާއިރު ހިމަނަންޖެހެނީ ހަމައެކަނި އެ ބޭފުޅެއްގެ މަގާމުގެ ނަމެވެ.

ނަމަވެސް ޖޭއެސްސީން މިއަދު ނެރުނު ސާކިއުލާގައިވާ ގޮތުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާތަބު ކުރާއިރު މަގާމުގެ ނަމުގެ ކުރިއަށް އޮނަރަބަލްގެ ލަގަބު ބޭނުންކުރަން ޖެހޭނެ އެވެ.

މީގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާ މުހާތަބު ކުރާއިރު މަގާމުގެ ނަމާއެކު އަލްއުސްތާޒު ނުވަތަ އަލްއުސްތާޒާ ނުވަތަ ޑޮކްޓަރުގެ ލަގަބު ބޭނުން ކުރަންޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.

އެ ސާކިއުލާގައިވާ ގޮތުން ދިވެހި ބަހުންނާއި އިނގިރޭސިބަހުން ވާހަކަ ދައްކާއިރު ވެސް އެ ލަގަބުތައް ބޭނުން ކުރަންޖެހޭނެ އެވެ.