އއ. މާޅޮސް ކައިރިއަށް މީގެ ހަތަރު އަހަރު ކުރިން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ޒުވާނާ، މަރުވި ކަމަށް ކަނޑައަޅައި ކަށުނަމާދު ބާއްވަން ނިންމައިފި އެވެ.

ދެ މީހުންނާ އެކު މާލެ ކުނިކޮއްޓާ ދިމާލުން އޮކްޓޯބަރު 5، 2022 ގައި  އުކުޅަހަށް ދާން ފުރި ލޯންޗުން ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު ގެއްލުނު އިރު އޭނާއާ އެކު ދެން ދަތުރުކުރި މީހާ ފަތާފައި އެ އަތޮޅު ފެރިދުއަށް އަރައި ސަލާމަތްވި އެވެ. 

މުހައްމަދު މިންހާޖު ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އޭރު ކުރި އެވެ. އެކަމަކު ބޮޑު ސަރަހައްދެއް ބެލުމަށްފަހު އޭގެ ހަތަރު ދުވަސް ފަހުން އޮޕަރޭޝަން މެދުކަނޑާލި އެވެ. 

ކަށުނަމާދު ޕޭޖުން މިއަދު ކުރި ޕޯސްޓުގައި ބުނި މިންހާޖު، 29، ގެ މައްޗަށް ޣައިބުގައި ކުރާ ކަށުނަމާދު މާދަމާ ހުކުރު ނަމާދަށް ފަހު ސަލްމާން މިސްކިތުގައި އޮންނާނެ ކަމަށެވެ. 

ގެއްލޭ މީހުންގެ މައްޗަށް ކަށުނަމާދު ކުރެވޭނީ، އެ މީހަކު މަރުވެފައިވާ ކަމަށް ކޯޓުން ކަނޑައެޅުމުންނެވެ. 

ކަނޑުވެ ގެއްލުނު ބައެއް މީހުންގެ މައްޗަށް ކަށުނަމާދު ކުރަން މީގެ ކުރިން ވެސް އިއުލާނުކޮށްފައިވެ އެވެ. ނަމަވެސް، ކޯޓުން ގޮތެއް ކަނޑަނާޅާތީ އެކަން ވަކި ހިސާބަކުން ހުއްޓިފައި ވެސް ވެ އެވެ.