"ބޯހިޔާވަހިކަން އެންމެނަށް" ގެ ނަމުގައި ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ބީއެމްއެލް އިން ހުޅުމާލޭގައި އަޅާ ފްލެޓުތަކުގެ ތެރެއިން 182 ފްލެޓްގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބޭންކުގެ ސަބްސިޑަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން ހިންގާ އެ މަޝްރޫއުގައި 182 ފްލެޓު އަޅަން ހަވާލުކޮށްފައި ވަނީ އެފްޑަބްލިޔު ކޮންސްޓްރަކްޝަނާ އެވެ.
ހުޅުމާލޭ 1 ގައި ހުންނަ ފުލުހުންގެ ފްލެޓުތަކުގެ ކުރިމައްޗަށްވާ ގޮތަށް އޮތް ބިމެއްގައި އިމާރާތްކުރާ އެ 182 ފްލެޓުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ބީއެމްއެލް އިން ބުންޏެވ.
ބީއެމްއެލް އިން ބުނި ގޮތުގައި މާލެގައި މިވަގުތު 3200 އަށް ވުރެ ގިނަ ހައުސިން ޔުނިޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އެބަދެ އެވެ.
އެ ހައުސިން ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
އެފްޑަބްލިޔު ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ މަޝްރޫއުގެ ދަށުން އަޅާނީ 3 ކޮޓަރީގެ 182 އެޕާޓްމަންޓެވެ. އެއީ 900 އަކަފޫޓުގެ ފްލެޓުތަކެކެވެ.
ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ހުޅުމާލެ 1 އަދި 3 ގައި 3،260 އަށް ވުރެ ގިނަ ފްލެޓު އަޅާނެ އެވެ.
އޭގެ ތެރޭގައި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ބީއެމްއެލް އިން ހުޅުމާލޭގައި އިމާރާތްކުރާ 1،224 ހައުސިން ޔުނިޓާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެން ވިލިމާލޭގައި އަޅާ 300 ޔުނިޓާއި ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިން އަޅާ 1190 ހައުސިން ޔުނިޓުގެ އިތުރުން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އަޅާ 364 ޔުނިޓުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.
ބީއެމްއެލް އިން ނިންމާފައިވަނީ ހައުސިން ޔުނިޓްތައް ހަދައި، ލީސް-ޓު-އޯން (ކުލި ދައްކައި ހަލާސް ކުރުމުން މިލްކުވުން) މޮޑެލްގެ ދަށުން އާންމުންނަށް ހުޅުވައިލުމަށެވެ.