ޖިނާއީ ތަހުގީގުތައް އަވަސްކުރުމަށް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ފުލުހުންގެ ކިބައިން އިއްޔެ އެދިވަޑައިގެންފި އެވެ.
ސީޕީ އެކަމަށް ބާރު އެޅުއްވީ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ އިސް އޮފިސަރުންނާއެކު ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.
އެއީ ތަހުގީގު ދާއިރާގެ ގާބިލުކަން އިތުރުކުރުމަށާއި މަސައްކަތުގެ ހަލުވިމިން ރަނގަޅުކުރުމުގެ އިތުރުން ހިދުމަތް ހޯދާ މީހުންނާއި އަނިޔާ ލިބޭ މީހުންނަށް ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމެެއް ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.
ސީޕީ ވިދާޅުވީ ތަހުގީގުގެ މިންގަނޑުތަކަށާއި ހެކީގެ ރައްކާތެރިކަމަށް އެއްވެސް އުނިކަމެއް ނާންނާނެހެން، އަވަސް އަދި ފުރިހަމަ ތަހުގީގުތަކެއް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން ނުނިމި ހުރި މައްސަލަތައް މަދުކުރުމަށާއި ތަހުގީގުކުރާ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ސީޕީ އެދިވަޑައިގެންނެވި އެވެ.
ކުށުގެ ޝިކާރައަކަށްވާ މީހުންނާއި މައްސަލަ ހުށަހަޅާ މީހުންނަށް ތަހުގީގުގައި ކުރިއަށްދާ މަރުހަލާތަކުގެ މައުލޫމާތު ގަވާއިދުން ހިއްސާކުރުމަކީ ފުލުހުންގެ މުއައްސަސާއަށް ކުރާ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ސީޕީ ވިދާޅުވި އެވެ.
އޭނާ ވަނީ ތަހުގީގުގެ ހުރިހާ މަރުހަލާއެއްގައި ވެސް އަނިޔާ ލިބޭ މީހުންނާ މުއާމަލާތްކުރުމުގައި އޯގާތެރިކަމާއި އިހުތިރާމާއި އަދި މަސައްކަތުގެ މާހައުލުގައި ގެންގުޅޭ އަހުލާގީ މިންގަނޑުތަކާއި މަސައްކަތަށް ދޭ އަހައްމިއްޔަތުކަން އިސްކުރުމަށް ވެސް ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ޒަމާނީ ޓެކްނޮލޮޖީ އާއި އިންޓެލިޖެންސް އަދި ފައިނޭންޝަލް އެނަލިޓިކްސްގެ ބޭނުން އިތުރު ކުރުމަށް ވެސް ސީޕީ އެދިވަޑައިގަތެވެ.
ތަހުގީގުތައް ކުރިއަށް ގެންދާ ގޮތް ގާތުން ބަލައި، އިންވެސްޓިގޭޝަން އޮފިސަރުންނަށް ބޭނުންވާ އިރުޝާދު ދިނުމާއި ކޮންމެ ފަންތިއެއްގައި ވެސް ޖަވާބުދާރީވުމަށް ވެސް ސީޕީ އެދިވަޑައިގަތް ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.