ސިއްހީ ދާއިރާ ޑިޖިޓަލައިޒްކުރުމުގެ ތެރެއިން ކޮންމެ މީހަކަށް ވެސް އެމީހެއްގެ ސިއްހީ މައުލޫމާތާއި މެޑިކަލް ރިކޯޑުތައް އެޕަކުން ބަލާލެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ސެންޓްރަލް ޕާކުގައި ބޭއްވި ހަފްލާގައި ރައީސް ވަނީ މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ހާސިލުކުރެއްވި މިންވަރާއި ބާކީ އޮތް ދުވަސްތަކުގައި ކުރައްވަން ރާވާފައިވާ ކަންކަމުގެ ތަފްސީލު ހިއްސާކުރައްވައިފަ އެވެ. 

ރައީސް ވިދާޅުވީ މޯލްޑިވްސް 2.0 ގެ ދަށުން މުޅި ރާއްޖެ ޑިޖިޓަލް ކުރުމަށް ކުރާ މަސައްކަތުގެ ތެރެެއިން ސިއްހީ ދާއިރާ ވެސް ޑިޖިޓަލައިޒްކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ހުރިހާ ސިއްހީ ސެންޓަރުތަކެއް އެއް ނެޓްވޯކްގެ ތެރެއިން ގުޅާލެވި، އެމީހެއްގެ އަމިއްލަ މެޑިކަލް ރިކޯޑުތައް އަމިއްލައަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް ރައިސް ވިދާޅުވި އެވެ. އެމީހެއްގެ އެޕޮއިންޓްމަންޓްތަކާއި ރިޕޯޓުތައް އަދި ބޭސް ސިޓީތައް ވެސް ހެލްތު އެޕް މެދުވެރިކޮށް މެނޭޖްކުރެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އެކަން އަންނަ އަހަރުގެ ނިޔަލަށް ހާސިލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރު އިދާރާތަކުން ހިދުމަތް ހޯދާއިރު އެއް އިދާރާއަކުން ދޫކޮށްފައިވާ ލިޔެކިޔުންތައް ނުވަތަ ހުއްދައިގެ ކޮޕީ އެހެން ތަނަކަށް ހުށަހަޅައިގެން ހިދުމަތް ހޯދަން ޖެހޭ ފަދަ ނިޒަމެއް މިހާރު އޮތްއިރު ރައީސް ވިދާޅުވީ ސެންޓްރަލް ސިސްޓަމެއްގެ ތެރެއިން ހުރިހާ މައުލޫމާތެއް ހުރިހާ އިދާރާއަކަށް ވެސް ލިބޭނެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށެވެ. އޭރުން ލިޔެކިޔުންތައް އެއް އިދާރާއިން އަނެއް އިދާރާއަށް ހުށަހަޅަންޖެހޭ މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ 2028 ވަނަ އަހަރުގެ މެދު ތެރެއަށްދާއިރު ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށް ދެވޭނެ ގޮތް ހެދުން ކަމަށެވެ.

އެ ހަފްލާގައި ރައީސް ވަނީ އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކޮށް އެ އިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

ސްމާޓް އައިޑީ ކާޑަކީ ފިންގާޕްރިންޓާއި ޗިޕް ހިމެނޭ ގޮތަށް ފަރުމާކުރެވޭ ކާޑެކެވެ. މި ކާޑުގެ އެހީގައި ޕޭމަންޓްތައް ދެއްކުމުގެ އިތުރުން، އެ މީހެއްގެ އަމިއްލަ ރެކޯޑްތައް ބެލެހެއްޓުމާއި އެކި މުއައްސަސާތަކުން ހިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވެ އެވެ.