ސަރުކާރާ 2023 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ ބަޖެޓް ޑެފިސިޓް ހުރީ ޖީޑީޕީގެ ނިސްބަތުން 10 ޕަސެންޓުގައި ކަމަށާއި ފުރަތަމަ އެކުލަވާލި ބަޖެޓާ އެކު 3.6 ޕަސެންޓަށް ޑެފިސިޓް ކުޑަކުރެއްވުނު ކަމަށް ރަައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި ސަރުކާރަށް ބަޖެޓް އެކުލަވާލަން ލިބުނީ މިދިޔަ އަހަރަށް ކަމަށާއި އޭގެ ކުރީ އަހަރުގެ ބަޖެޓް އެކުލަވާލީ ކުރީގެ ސަރުކާރުން ކަމަށެވެ. އޭރު ވެރިކަންކުރި އެމްޑީޕީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮވެގެން އެ ބަޖެޓް ފާސްކުރީ އާ ސަރުކާރަށް ކަންތައްްތައް ކުރަން ވީހާ ވެސް ދަތިވާނެ ގޮތަށް ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން ހެދި ފުރަތަމަ ބަޖެޓް، 2025 ގެ ބަޖެޓުން ފެށިގެން އަޅުގަނޑުމެން ވަރަށް ރަނގަޅަށް ފިސްކަލް މެނޭޖްމެންޓް ތަންފީޒުކޮށްގެން، އަޅުގަނޑުމެން ޑެފިސިޓް ކުޑަކުރީ 3.6 އިންސައްތައަށް، ޖީޑީޕީގެ ނިސްބަތުން،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަފްލާ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަފްލާ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެކަމަކު މިއަހަރުގެ މާޗްމަހާ ހިސާބަށް އައި އިރު މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިގެން އެކަމުގެ ސަބަބުން ތެލުގެ އަގުބޮޑުވުމާއި ޓޫރިޒަމަށް އައި ލޮޅުމާ އެކުގައި ކަންތައްތަކެއް ތަފާތުކުރަން ޖެހުނު ކަމަށް ވެސް އެމަނިކު ވިދާޅުވި އެވެ.

"އެހެން ނަމަވެސް. މިއަހަރު ނިންމާލާއިރުގައި ސިންގަލް ޑިޖިޓުން ހަމަ، ގާތްގަނޑަކަށް ހައެއް 6.2 އިންސައްތައިން ނިންމާލެވޭނެ ކަމަށް ބެެވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު ނިމޭ އިރު ފަސް ޕަސެންޏަށް ވުރެ ޑެފިސިޓް ޖުޑަކުރުމެވެ. 

އެއީ ކުރީގެ ސަރުކާރާ އަޅައި ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން އެދަނީ،"  ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ވެސް އެއާ އެކު މެނޭޖްކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާމނު ވިދާލުވި އެވެ.

ރާއްޖޭގެ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން އެއް ޕަސެންޓް ސާޕްލަސްއަކަށް ދާނެ ކަމަށް ލަފާކުރެވެނީ 2029 ވަނަ އަހަރު ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަފްލާ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަފްލާ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަކީ 59.7 ބިލިއަން ރުފިޔާ އެވެ. މިއީ ގައުމުގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން 46.1 ޕަސެންޓެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ އަހަރު ނުލައި، ދައުލަތުގެ ބަޖެޓް މިދިޔަ 10 އަހަރު ވެސް އަހަރުން އަހަރަށް ދިޔައީ ބޮޑުވަމުންނެވެ.  

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓްގެ ޖުމްލަ އަދަދު މި އަހަރަށް ވުރެ ކުޑަ ނަމަވެސް، ބަޖެޓް ޑެފިސިޓް މި އަހަރަށް ވުރެ 1.9 ބިލިއަން ރުފިޔާ ބޮޑެވެ. އަންނަ އަހަރުގެ ބަޖެޓްގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރަނީ 9.4 ބިލިއަން ރުފިޔާގަ އެވެ. މި އަހަރު އެ އަދަދު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 7.5 ބިލިއަން ރުފިޔާގަ އެވެ.

އަންނަ އަހަރުގެ ބަޖެޓުން 52.6 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައި އޮތް އިރު އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާ އަކީ ރިކަރެންޓް ހަރަދެވެ. އެއީ މުޅި ބަޖެޓްގެ ގާތްގަނޑަކަށް 71.5 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައި އޮތީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ. އެއީ 9.8 ބިލިއަން ރުފިޔާ އެވެ.