ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެމްބަރުން އިންތިހާބުކުރުމަށް ބޭއްވި ވޯޓުގައި ހދ. ހަނިމާދޫ ކައުންސިލުގެ ނައިބް ރައީސް ފިރާގު މުހައްމަދާއި އެކައުންސިލުގެ މެމްބަރު އަހުމަދު އަނާން، މަގުބޫލު އުޒުރަކާ ނުލާ ވޯޓުލާފައި ނުވާތީ އެމްޑީޕީން ފިޔަވަޅު އަޅައިފި އެވެ. 

އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީގެ ބައްދަލުވުމުގެ ނިންމުން ހާމަކޮށް އެ ޕާޓީން ބުނީ މިއަހަރު ބޭއްވި އެލްޖީއޭގެ ބޯޑަށް މެމްބަރުން އިންތިހާބުކުރުމަށް ބޭއްވުނު ވޯޓުގައި ފިރާގާއި އަނާން، މަގުބޫލު އުޒުރެއް ނެތި، ވޯޓުލާފައިނުވާ ކަމަށް ބުނެ، ޕާޓީގެ ސެކްރެޓޭރިއޭޓުގެ ފަރާތުން އެ ކޮމެޓީއަށް މައްސަލަ ހުށަހެޅި ކަމަށެވެ. 

އެމްޑީޕީން ބުނީ އެ މައްސަލަ ކޮމެޓީން ބެލިބެލުމުން ފާހަގަކުރެވުނީ އެލްޖީއޭގެ ވޯޓުގައި ބައިވެރިވެ، ވޯޓުލުމަކީ ޕާޓީ އާއި ގައުމީ މަސްލަހަތު އޮތް ކަމެއް ކަމަށްވާއިރު އެކަމުގައި ބައިވެރިނުވެ ވޯޓުލާން އޮތް ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ވަނީ ކޮންމެހެން އެ ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ދާންޖެހޭ ފަދަ އެމަޖަންސީއެއް ނުވަތަ ހާއްސަ ހާލަތެއް އޮވެގެން ނޫންކަން އެ ފަރާތްތަކުގެ ބަހުން އެނގެން އޮންނަ ކަމަށެވެ. 

އެ ޕާޓީން ބުނި ގޮތުގައި ސީދާ ވޯޓުލާން އޮތް ތާރީހުގައި ހާއްސަ ހާލަތެއް ނުވަތަ އިމަޖަންސީއެއް ކުރިމަތިނުވެ ރާއްޖޭން ބޭރަށް ފުރައިގެން ދިއުމަކީ ވޯޓުގައި ބައިވެރިނުވުމަށް އޮތް މަގްބޫލު އުޒުރެއް ކަމަށް ކޮމެޓީގެ މެމްބަރުންނަށް ނުފެންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ދެ ކައުންސިލަރުން ޓިކެޓު ނަގާފައި ވަނީ އެ ވޯޓުގައި ބައިވެރިވުމަށް ޕާޓީން އަންގައި ވޯޓުނުލައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އަންގާފައި އޮއްވަ އެވެ.  

އެ އަމަލަކީ ޣައިރު ޒިންމާދާރު، ޕާޓީގެ މަސްލަހަތާއި ހިލާފު އަމަލެއް ކަމަށާއި އެއީ ޕާޓީގެ އަސާސީ ގަވާއިދުގެ 16 ވަނަ މާއްދާގެ ހ. އާއި ބ. އާ ވެސް ހިލާފަށް ކޮށްފައިވާ ކަމެއްކަން ހުށަހަޅާފައިވާ ހެކިތަކާއި ގަރީނާއިން ފިރާގާއި އަނާންގެ މައްޗަށް މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް އެމްޑީޕީން ބުންޏެވެެ.

އެހެންވެ، ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޕާޓީގެ އެއްވެސް މަގާމަކަށް ކުރިމަތިލުން މަނާކުރުމާ އެކު ދެ އަހަރުގެ މުއްދަތަކަށް ޕާޓީގެ ނަމުގައި ގައުމީ އިންތިހާބީ މަގާމަކަށް ކުރިމަތިލުން މަނާކޮށްފައިވާ ކަމަށް ވެސް އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.