ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ މާލޭ ކޯޓު ކޮންޕްލެކްސް އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.
ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެވެ.
އެ އިމާރާތް ތަރައްގީކުރުމަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ކްރިމިނިލް ކޯޓާއި ސިވިލް ކޯޓާއި ފެމިލީ ކޯޓާއި ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމަށް ބޭނުންވާ ޖާގަ އެތަނުން ލިބޭނެ އެވެ.
މިހާރު އެކި އިމާރާތްތަކުގައި ކޯޓުތައް ހިންގަމުން އަންނައިރު ޖާގައިގެ ދަތިކަމާއި އިމާރާތްތައް ވަރަށް ބޮޑަށް ހަލާކުވެ ބޭނުންކުރަން ދަތިވެފައިވާ ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.
މާލޭ ކޯޓު ކޮންޕްލެކްސް އިމާރާތްކުރުމަށް ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ބަންޑާރަ ނައިބް އަހުމަދު އުޝާމް އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖީލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވެސް ބައިވެރިވެވަޑައިގަތެވެ.