ރާއްޖެއަށް ބޭނުންވާ ބޭސް ހޯދަމުން އަންނަ ކަމަށާއި އާއްމުންގެ ޝަކުވާތަކަށް އަންނަ އަހަރުގެ ކުރީކޮޅު ބޮޑު ހައްލެއް ލިބޭނެ ކަމަށް، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ކޮންސިއުމަބަލްސްގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ބޭސް ރައްކާކުރާ އެ ކުންފުނީގެ މައި ގުދަނުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝާހު ވިދާޅުވީ ފާމަސީތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ބޭސްތަކާއި މެޑިކަލް ކޮންސިއުމަބަލްސް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިހާރު ވެސް 5،000 އަށްވުރެ ގިނަ ބޭސް އެ ކުންފުނީގެ ސްޓޮކްގައި އެބަހުރި ކަމަށް ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭހުގެ މައްސަލަ ގޯސްވަމުން ދިޔައީ ސަޕްލައި ޗެއިނަށް ދޭންޖެހޭ މުހިއްމުކަން ނުދެވެމުންނެވެ. އެހެންވެ، ބޭހުގެ ކަންކަމާ މިދިޔަ އޮގަސްޓް މަހު ހަވާލުވުމަށްފަހު ސަޕްލައި ޗެއިން މޮޑަނައިޒްކުރުމުގެ މަސައްކަތް ސްޓޭޓް ފާމާއިން ފެށި ކަމަށް ވެސް ވިދާޅުވި އެވެ.
"ވޭތުވެދިޔަ ދެ ތިން މަހެއްގެ ތެރޭގައި 600 އަށްވުރެ ގިނަ ބޭސް އަޅުގަނޑުމެންނަށް އެތެރެކުރެވިފައި ވަނީ. މިހާރު ސްޓޮކް އައުޓުވާ ބޭސްތައް ކުރިއަށް އޮތް ތަނުގައި ގެންނަން ވެފައި ވަނީ،" ޝާހު ވިދާޅުވި އެވެ.
ބޭހުގެ ސްޓޮކް ބޮޑުކުރަން ސްޓޭޓް ފާމާއިން ފެށިއިރު، ރާއްޖެއިން ބޭސް ނުލިބޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ނަމަވެސް، އެކަމަށް އަންނަ އަހަރު ބަދަލުތަކެއް ގެންނާނެ ކަމަށް ވިދާޅުވި އެވެ.
"އަންނަ އަހަރު ކުރީކޮޅު ޕަބްލިކަށް އިމްޕެކްޓެއް ގެނެވޭނެ ފެންވަރަށް އިރާދަކުރެއްވިއްޔާ މަސައްކަތް ގެންދެވޭނެ މިދާ ސްޕީޑުގައި ދަންޏާ،" އޭނާ ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ ބޭހުގައި ރާއްޖެއަށް ދިމާވާ އެއް މައްސަލައަކީ ބޭނުންވާ ބޭސް ދުރާލާ ދެނެނުގަނެވުމެވެ. އެއީ، އާއްމު އެހެން މުދަލާ ހިލާފަށް ކުއްލި ކުއްލިއަށް ހޯދަން އުނދަގޫ އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އާބާދީ ކުޑަވުމުން ބޭނުންވާ ވަރަށް ބޭސް ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް، ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ބޭސް އެތެރެކުރާ ބައެއް ފަރާތްތަކުން ބުނެ އެވެ. އެކަމަކު، ޝާހު ވިދާޅުވީ، އެ ކުންފުނިން މަޝްވަރާކުރި ކުންފުނިތަކުން ރާއްޖެއަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ކަމަށެވެ. އަދި އެ ފަރާތްތަކާއެކު ބަލްކު ޕްރޮކިއުމަންޓުގެ ތެރެއިން ބޭސް ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ޝާހު ވިދާޅުވި އެވެ.
"މިހާރު ވެސް އަޅުގަނޑުމެން ޔޫއެންޑީޕީއާއެކު [ބަލްކު ޕްރޮކިއުމަންޓު އުސޫލުން] އެހެން ގައުމުތަކަށް އެ މީހުން ސަޕްލައިކުރާ ބޭހުގެ ތެރެއިން ރާއްޖެއަށް ބޭނުންވާ ބައެއް ކަހަލަ ބޭސްތައް އެ މީހުން ތްރޫކޮށް އަޅުގަނޑުމެން ގަތުމުގެ މަޝްރޫއުއެއް ހިންގަން،" އޭނާ ވިދާޅުވި އެވެ.
"މިދިޔަ އަހަރު ވެސް އަޅުގަނޑުމެން ބޭސްތަކެއް އައި [ބަލްކު ޕްރޮކިއުމަންޓުން]. ރާއްޖެއަށް އައި އިންސިއުލިންތަކަކީ ޔޫއެންޑީޕީ ތްރޫކޮށް ގެނައި އިންސިއުލިންތަކެއް. ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެން ބޭނުންވާ ބޭސްތަކުގެ ނަންތައް ޝެއާކޮށް، ޕްރޮސެސްކުރުމުގެ މަސައްކަތް ކުރިއަށްދޭ."
އެކަމުގެ ހައްލަކަށް ސްޓޭޓް ފާމާއިން އަންނަނީ ކުރިއަށް އޮތް ދެ އަހަރަށް ބޭނުންވާ ބޭސް ގެނައުމުގެ މަޝްވަރާތައް ފަށައިފަ އެވެ. ނަމަވެސް، އެކަން ކުރާނީ ބޭސް މުއްދަތު ހަމަވާ ތާރީހަށް ބަލައި، ބައިބަޔަށް ބަހާލައިގެން ކަމަށް ޝާހު ވިދާޅުވި އެވެ.