މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކު މަގާމަށް ކުރިމަތިލުމަށް އަނެއްކާވެސް މަޖިލީހުން ހުޅުވާލައިފި އެވެ.

އެ މަގާމަށް ހުޅުވާލީ މީޑިއާ ކޮމިޝަނުގެ ރައީސްގެ މަގާމުން މުހައްމަދު ފަރުޝަތު ވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރު އޮކްޓޯބަރު މަހު އެވެ.

އެހެންވެ، މިދިޔަ މަހު ވެސް މަޖިލީހުން ވަނީ އެ މަގާމަށް ކުރިމަތިލާން އިއުލާނުކޮށްފަ އެވެ. އަދި މިމަހުގެ 12 ވަނަ ދުވަހުގެ ކުރިން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިޔަސް މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެ މަގާމަށް ހުޅުވާލީ މިއަދެވެ. 

މަޖިލީހުން ކުރި އިއުލާނުގައި ބުނީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމާ ގުޅޭ ލިޔެކިޔުންތައް މިމަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ. 

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަނަށް ތިން މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ބާކީ ހަތަރު މެމްބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ. އެއީ ފަސް އަހަރުގެ މުއްދަތަކަށް ނަގާ މަގާމުތަކެކެވެ.

މަގާމުގެ ޝަރުތުތައް:

- އުމުރުން 30 އަހަރުވެފައިވާ ދިވެއްސަކަށްވުން.

- ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާ ދާއިރާއިން 5 އަހަރުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.

- މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވަތަ އެޑިޓަރަކަށް ނުވުން.

- އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން.

- ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން.

- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ނުވުން.

- މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ނުވުން.

- ކުޑަކުދިންގެ ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ނުވުން.

- ހިޔާނާތުގެ ނުވަތަ ރިޝްވަރުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ނުވުން.

- ކޮމިއުނިކޭޝަނާއި މީޑިއާގެ ހިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހަކަށް ނުވުން.

އެ މަގާމަށް އައްޔަންކުރާ އެއްވެސް މީހަކަށް ވިދިވިދިގެން ދެ އަހަރަށް ވުރެ ދިގު މުއްދަތަކަށް މެމްބަރު ކަމުގައި ނުހުރެވޭނެ އެވެ.