އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޗާލީ ޕޫތު އޭނާގެ މިއުޒިކީ ހަޔާތުގައި ފުރަތަމަ ފަހަރަށް އިންޑިއާގައި ޕާފޯމްކުރުމަށް ހަމަޖެހިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އޭނާއާ އެކު އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެލީ ގޯލްޑިން ބައިވެރިވާ އެ ޝޯ އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އިންޑިއާގެ މުމްބާއީގަ އެވެ.

މި ދެ ލަވަކިޔުންތެރިން ލީޑްކުރާނީ މުމްބާއީގެ މަހާލަކްޝްމީ ރޭސްކޯސްގައި ބާއްވާ ފުރަތަމަ "ޖޯނީ އެންޑް ކޯ ފެސްޓިވަލް"ގަ އެވެ.

އިންޑިއާއަށް ކުރާ ފުރަތަމަ ދަތުރާ ބެހޭ ގޮތުން ވާހަކަދައްކަމުން ޗާލީ ޕޫތު ބުނީ އިންޑިއާގެ ސަޕޯޓަރުންގެ ފޯރި އާއި ޖޯޝުގެ ވާހަކަ ވަރަށް ގިނައިން އަޑުއަހާފައިވާ ކަމަށާއި، އެހެންވެ އިންޑިއާގައި ޕާފޯމްކުރުމުގެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފާވެފައިވާ ކަމަށެވެ.

މިއުޒިކަކީ އަބަދުވެސް މީހުން ގުޅުވައިދޭ އެއްޗެއް ކަމަށާއި ފެބްރުއަރީ 13 ގައި މުމްބާއީގެ އޯޑިއަންސްއާ އެކު އޭނާގެ އެންމެ މަގުބޫލު ލަވަތައް ހުށަހަޅައިދިނުމަށް ކެތްމަދުވެފައިވާ ކަމަށް ޗާލީ ޕޫތު ބުންޏެވެ.

ހަތަރު ފަހަރު ގްރެމީ އެވޯޑަށް ނޮމިނޭޓްވެފައިވާ ޗާލީ ޕޫތަކީ "އެޓެންޝަން"، "ވީ ޑޯންޓް ޓޯކް އެނީމޯ" އަދި "ސީ ޔޫ އެގެއިން" ކަހަލަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ލަވަތަކުގެ ވެރިޔާ އެވެ.

އޭނާ އިންޑިއާއަށް މި އަންނަނީ އޭނާގެ އާ އަލްބަމް "ވަޓެވާސް ކްލެވާ" ރިލީޒްކުރުމަށް ފަހުގަ އެވެ. މީގެ އިތުރުން، އެލީ ގޯލްޑިން ވެސް މި ފެސްޓިވަލްގައި އޭނާގެ މަޝްހޫރު ލަވަތައް ކަމަށްވާ "ލަވް މީ ލައިކް ޔޫ ޑޫ"، "ބާން" އަދި "ލައިޓްސް" ކަހަލަ ލަވަތައް ހުށަހަޅައިދޭނެ އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ މިއުޒިކް ފެސްޓިވަލްގައި މި ދެ ލަވަކިޔުންތެރިންގެ އިތުރުން، އިންޑިއާގެ ފަންނާނުން ކަމަށްވާ ކަޔާން، ޓާބާ ޗާކޭ، މާލީ އަދި ގިނީ ވެސް ޕާފޯމްކުރާނެ އެވެ.

އެ އިވެންޓުގެ ޓިކެޓްތައް "ބުކްމައިޝޯ" މެދުވެރިކޮށް މިހާރު ވަނީ ވިއްކަން ފަށައިފަ އެވެ.