މިއީ ރާއްޖޭގައި އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. ކޮން ވަގުތެއް ކަމަށް ވިޔަސް ސަގާފީ ހެދުމުގައި ނޫން ގޮތަކަށް އާމިނަތު މުނާ ނުފެންނާނެ އެވެ. ރަސްމީ ހަފުލާތައް އެކަންޏެއް ނޫނެވެ. މަގުމަތިން ފެންނަ ކޮންމެ އިރެއްގައި ވެސް އޭނާ މަރުހަބާ ކިޔަނީ ދިވެހި ސަގާފީ ހެދުމެއްގަ އެވެ. ދިވެހި ސަގާފީ ކަންކަން އުވެމުންދާ ކަމުގެ ޝަކުވާ ބޮޑު ދުވަސްވަރެއްގައި މިއީ ވަރަށް ހާއްސަ ކަމަކަމަށް ވަނީ އެހެންވެ އެވެ.

މަގުމަތިން ހިނގާފައިދާއިރު މުނާއާ ދިމާލަށް އެތައް ބައެއްގެ ލޯ އަމާޒުވަނީ އޭނާ އެ ގެންގުޅޭ ސްޓައިލް ތަފާތުވީމަ އެވެ. 

ރާއްޖޭގައި ސަގާފީ ހެދުން ލަނީ ހާއްސަ މުނާސަބަތުތަކުގަ އެވެ. އެކަމަކު، މުނާއަށް މިއީ ވަކި ދުވަހަކަށް ހާއްސަ ކޮށްފައިވާ ހެދުމެއް ނޫނެވެ. އޭނާގެ އަލަމާރި ފުރާލާފައި ވަނީ ދިވެހިންގެ ސަގާފީ ހެދުންތަކުންނެވެ.

މުނާ ބުނިގޮތުގައި ސަގާފީ ހެދުން ލާން ފެށުނީ، ދިވެހި ބަހުގެ އެކަޑެމީގެ ފަރާތުން ލިބުނު ދައުވަތެއްގައި 2019 ވަނަ އަހަރު އިންޑިއާގެ ވެރިރަށަށް ކުރި ދަތުރުންނެވެ. ދިވެހި ބަހާއި ޅެންވެރިކަމުގައި ހަރަކާތްތެރިވާ ޓީމަކާއެކު އެ އަހަރުގެ އޮކްޓޯބަރު މަހު ނިއުދިއްލީއަށް ކުރި ދަތުރުގައި، ދިވެހި ބަހުގެ އެކަޑެމީގެ އޭރުގެ ރައީސް އަޝްރަފް އަލީ އެދިވަޑައިގަތީ ރާއްޖެ ތަމްސީލުކުރާތީ އެ ދަތުރުގައި ސަގާފީ ހެދުން ބޭނުންކުރުމަށެވެ. 

މުނާ، 2019 ވަނަ އަހަރު އިންޑިއާއަށް ކުރި ދަތުރުގައި ދިގު ހެދުމުގައި (ވ-3). ސަގާފީ ހެދުމަށް ބަދަލުވީ މި ދަތުރަށް ފަހު.
މުނާ، 2019 ވަނަ އަހަރު އިންޑިއާއަށް ކުރި ދަތުރުގައި ދިގު ހެދުމުގައި (ވ-3). ސަގާފީ ހެދުމަށް ބަދަލުވީ މި ދަތުރަށް ފަހު.

އެކަމަކު، އޭރު ޖިންސާއި ޓޮޕް ލައި އުޅުނު މުނާގެ އަތުގައި ސަގާފީ ކެޓަގަރީއަށް ފެތޭ ހެދުމެއް ނެތެވެ. އެ ހިސާބުން އެ ދަތުރަށް ތައްޔާރުވީ ދިގު ހެދުމާއި ކުރު ހެދުމާއި ލިބާހާއެކު ހަތަރު ވަރަކަށް ހެދުން ހޯދައިގެންނެވެ.

"އެ ދަތުރަށް ތައްޔާރުވާން އުޅުމުގެ ތެރޭގައި ހަމަ ހިތަށް ވަނީ މި ހެދުމަށް ބަދަލުކުރަންވީއޭ. ދެ ފަރާތުގެ އާއިލާގެ އަންހެނުން އަބަދު ވެސް ލައި އުޅުނީ ދިވެހި ސަގާފީ ހެދުމޭ. އެ މީހުންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ކުރުމުގައި ލައި އުޅުނީ ދިގު ހެދުން،" މުނާ ބުންޏެވެ. 

މުނާގެ މަންމަ އުފަން ރަށް ގއ. މާމެންދޫ ދޫކޮށް މާލެއަށް ބަދަލުވިއިރު އާންމުކޮށް ލައި އުޅުނީ ކަސަބު ލިބާހެވެ. އެކަމަކު، އެ ދުވަސްވަރު މާލޭގައި އަންހެންވެރިންނާ އާންމު ގޮތެއްގައި ދިގު ހެދުން ލައި އުޅޭތީ މަންމަ ވެސް އެ ހެދުމަށް ބަދަލުކޮށްލި އެވެ. 

"އަޅުގަނޑު ވަރަށް ކުޑައިރު މަންމަ ނިޔާވެއްޖެ. ދެން ތިބި އަންހެނުން ވެސް ލައި އުޅުނީ ދިގު ހެދުން. އެ ހެދުމުގައި މުޅި ދުވަސް ހޭދަކުރީ، ހުރިހާ ކަމެއް ކުރިއިރު އެ މީހުން ލީ ހެދުމަކީ އެއީ. އެހެންވީމާ މުނާ ވެސް ވެއްޖެއޭ އެ މީހުންގެ ހަނދާނުގައި އެ މީހުންގެ ޝަރަފުގައި އެއަށް ބަދަލުކޮށްލަން. އެހެން ހިތަށް އަރާފައި މި ހިތްވަރު ލިބުނީ،" ސަގާފީ ހެދުމަށް ލޯބި ޖެހުނު ސަބަބާ ގުޅޭ ގޮތުން މުނާ ކިޔައިދިނެވެ. 

އޭނާ ބުނި ގޮތުގައި، އެ ދަތުރަށް ފަހު މާލެ އައިސް، ސަގާފީ އެކި ވައްތަރުގެ ހެދުންތައް އެއްކުރަން ފެށި އެވެ. އަދި ކޮވިޑާއެކު ގޭ ބަންދުވުމުން ކަނޑިކި އާއި ކުރު ހެދުން ފަހަން ފެށީ އެވެ. އެކަމަކު، ހެދުން ނުފަހާތާ ގިނަ ދުވަސްވުމުން ކުރު ހެދުމާއި ކަނޑިކިއެއް ނިންމަން ދެ ތިން ދުވަސް ނަގަ އެވެ. ފަހުން މީހުންނަށް ހަވާލުކޮށްގެން އެ ހެދުންތައް ނިންމި އެވެ. 

މުނާ، ބޯވަޅު އެޅި ރަތް ލިބާހުގައި.
މުނާ، ބޯވަޅު އެޅި ރަތް ލިބާހުގައި.

މުނާ ބުނީ އޭނާގެ އަތުގައި ދިގު ހެދުމާއި ލިބާހާއި ކުރު ހެދުން ވެސް ހުންނަ ކަމަށެވެ. އެކަމަކު، ގިނައިން ހުރީ ކަނޑިއްކާއި ކުރު ހެދުމަށް ވާތީ އާއްމުކޮށް ފެންނަނީ އޭގެ ހެދުމުގަ އެވެ. މާ ބޮޑަށް ޖަރީކޮށްފައި ހުންނާތީ ހާއްސަ ހަފުލާތަކަށް ކަސަބު ލިބާސް ލަ އެވެ. 

"އެހެން މީހުންނަށް މިއީ ހަފްލާއަކަށް އަޅާ ކޮސްޓިއުމެއް. އެކަމަކު އަޅުގަނޑަށް މިއީ ކޮންމެ ދުވަހަކު އަޅާ ހެދުން. މި އަލަމާރިއަކު ނުހުންނާނެ ޖިންސާއި ޓޮޕެއް،" އެމްޑީޕީގެ ސިޔާސީ ކަންކަމުގައި ވެސް ހަރަކާތްތެރިކޮށް އުޅޭ މުނާ ބުންޏެވެ. 

ސަގާފީ ހެދުމުގައި ހުންނާތީ މުނާ ގަބޫލުކޮށްގެން ހުރީ ދިވެހިންނަށް އާ މަންޒަރަކަށް ނުވާނެ ކަމަށެވެ. އޭނާއަކީ އިތުރު ތައާރަފަކަށް ނުގޮސް، ދިވެެއްސެއް ކަމަށް މީހުންނަށް އެނގޭނެ ކަމަށް ވެސް ހީކުރެވުނެވެ. އެކަމަކު، އެއީ ވެސް ކުށް ހީއެކެވެ. ބިދޭސީއެއް ކަމަށް ބަލައި އެއާޕޯޓުތަކުގައި ފުރަތަމަ ވާހަކަ ދައްކަނީ ވެސް އިނގިރޭސި ބަހުންނެވެ.

"ދިވެހި ބަހުން ޖަވާބު ދިނީމާ އަހާނެ ތިއީ ދިވެއްސެއް ހެއްޔޭ. ދެން އަޅުގަނޑު ބުނަން މިއީ ދިވެއްސެކޭ، މި ހުރީ ނޫން ހެއްޔޭ ދިވެހި ހެދުމުގައި." 

މުނާ ބުނީ ދިވެހި ހެދުމުގައި ހުންނައިރު ވެސް ދިވެއްސެއް ކަން ނޭނގޭތީ އަދި މީހުން ބަލާތީ ވަރަށް އަޖައިބުވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ކުރި ސުވާލަށް ދިން ޖަވާބުން ވީ މާޔޫސެވެ.

"މީހެއް ކައިރީގައި އެހީމަ ބުނީ ދިވެހި މުޖުތަމައުގެ ތެރޭގައި ނޫޅޭނެއޭ ދިވެހި ސަގާފީ ހެދުން ލައިގެން ދިވެހިންނެއް، ބޭރުމީހުންނޭ އުޅެނީ ބޮޑަށް. އެހެންވެގެންނޭ ނޭނގެނީ. ދެން އެއްބަޔަކު ބުނޭ ބޭރު މީހަކާ ވައްތަރީއޭ،" މުނާ ބުންޏެވެ.

"ވަރަށް ގިނަ އަހަރުތަކަށް ފަހު މަންމަގެ ރަށަށް ދިޔައީމަ ވެސް މީހުން އެހި ކީއްކުރަން ލައިގެން އުޅޭ އެއްޗެއްހޭ. އެ މީހުންނަށް އެކަން ވީ ޝޮކަކަށް. ކަލްޗަރަލް ޝޮކަކަށް. ހިތަށް ވެސް ނާރާ އެހެން ވެދާނެ ކަމަކަށް. އެ އެބައެއްގެ ކަލްޗާއަށް އެ ބަޔަކަށް ޝޮކްލިބިދާނެ ކަމަކަށް."

އިނގިރޭސި ވިލާތުގައި އާއިލާ މީހުން ދިރިއުޅޭތީ ދޭތެރެ ދޭތެރެއިން އޭނާ އެ ގައުމަށް ވެސް ދަތުރުކުރެ އެވެ. އެގޮތަށް ގޮސް އުޅޭއިރު ބައެއް މީހުންނަށް އެ ހެދުންތައް ރީތިވެގެން އެކަމާ ގުޅޭގޮތުން ސުވާލު ވެސް ކުރެ އެވެ. 

"އެ މީހުންނަށް ވަރަށް ރީތިވޭ އަދި ހާއްސަކޮށް ކަސަބު ދިވެހި ލިބާސް. މަގުމަތިން ދިމާވެގެން ނޫނީ މީހުން ގިނަ ޓްރެއިން ސްޓޭޝަންގައި ހުއްޓަ ވެސް މި އިނގިރޭސި މީހަކު އަހާފާނެ ތިއީ ހާދަ ރީތި ހެދުމެކޭ. ދެން އެ ހިސާބުން ފެށުނީ ދިވެހިރާއްޖޭގެ ވާހަކަތައް،" މުނާ ބުންޏެވެ.

އަމިއްލަ ޒިންމާ އަދާކުރެވޭ

ދިވެހިން އާއްމުކޮށް ސަގާފީ ހެދުން ނުލިއަސް، އެ ސަގާފަތަށް އެ މީހުންގެ ލޯބި އޮންނަ ކަމަށް މުނާ ބުންޏެވެ.

އެކަމަކު، މި ސަގާފަތް މަރާނުލައި ދުނިޔޭގައި ބާއްވަން ކޮންމެ މީހަކަށް ވެސް އަމިއްލަ ފެންވަރުގައި ކަމެއް ކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. އެންމެ ކުޑަމިނުން އަތުގައި ކޮންމެ ވެސް ވައްތަރެއްގެ ދިވެހި ހެދުމެއް ބޭއްވުން ރަނގަޅެވެ. އޭރުން ހާއްސަ މުނާސަބަތެއް އަންނައިރު އެ ތަނުން ހެދުމެއް ލާކަށް އުނދަގުލެއް ނުވާނެ އެވެ.

މުނާ ދިގު ހެދުމުގައި.
މުނާ ދިގު ހެދުމުގައި.

މުނާ ބުނީ އެއް ޒަމާނެއްގައި ފެޝަން ޓްރެންޑުން އޭނާ ހެދުން އެޅިއަސް އަދި އެ ސްޓައިލްގައި އުޅެބޮޑުވިއަސް، މިހާރު ދިވެހި ސަގާފަތަށް އަމިއްލަ ހައިސިއްޔަތަށް ހިދުމަތެއް ކޮށްދެވޭ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. 

ޒަމާނީ ކޮށްފައިވާ ސަގާފީ ހެދުންތަކުގެ ބަދަލުގައި އޭނާއަށް އަދިވެސް ރީތީ އެންމެ އިހުގެ ގޮތްގަނޑެވެ.

"ގަބޫލުކުރަން ރާއްޖޭގެ ސަގާފަތް ދިރުވަން އަމިއްލަ ހައިސިއްޔަތުން އެބަ ކަމެއް ކުރެވޭ ކަމަށް. ވަރަށް މަދުން، އަތުން ގުނާލެވޭ ވަރު މީހަކު ހުރެދާނެ ކުރު ހެދުމާއި ކަނޑިކި ހަޑިވެގެން އުޅޭ. އެކަމަކު އަޅުގަނޑު މި ގޮތަށް ހެދުން އަޅަން ފެށީ މީހުން ކައިރި އަހާފައެއް ނޫން، އެ މީހުންނަށް ރީތިވޭތޯ ނޫނީ ހަޑިތޯ،" މުނާ ބުންޏެވެ. 

"މިހާރަކަށް އައިސް ހާއްސަ ހަފުލާތަކާ ދިގު ހެދުމުގެ އިތުރުން އެކި ވައްތަރުގެ ސަގާފީ ހެދުން ލާތީ ވަރަށް އުފާވޭ. އާއްމުކޮށް މިހެން އުޅޭއިރު ވެސް ފިރިހެނެއް ވިއަސް، އަންހެނެއް ވިޔަސް ސަގާފީ ހެދުމުގައި ފެނުނީމަ ހަމަ ވަރަށް އުފާވޭ." 

މުނާ އަހަރެމެންނަށް މި ދައްކަނީ ދިވެހި ސަގާފަތް އެއީ ދިރުވިދާނެ ކަމެއް ކަމެވެ. ބައެއް މީހުން އާޝޯހް ވެގެން ކިތަންމެ ވަރަކަށް ބެލިޔަސް އަދި ހައިރާން ވިޔަސް އޭނާއަށް މުހިންމީ ސަގާފަތަށް އިސްކަން ދިނުމެވެ.