ރާޅުން ހަކަތަ އުފެއްދުމުގެ ޓެކްނޮލޮޖީ ރާއްޖޭގައި ބޭނުންކުރަން އޮތް ފުރުސަތުތަކާ ބެހޭ ގޮތުން ސަރުކާރުން އިންޑިއާގެ ކުންފުންޏަކާ އެކު މަޝްވަރާކޮށްފި އެވެ.
ހަކަތައާ ބެހޭ ހަބަރުތައް ގެނެސްދޭ "އޯފްޝޯ އެނާޖީ" މަޖައްލާއިން އިންޑިއާގެ "ވޭވްޖެން އެނާޖީ"އާ ހަވާލާދީ އިއްޔެ ބުނީ ރާޅުން ހަކަތަ އުފައްދަން އެ ކުންފުނިން ޕެޓެންޓެއް ރަޖިސްޓްރީކޮށްފައިވާ ޓެކްނޮލޮޖީއެއް، ދިވެހި ސަރުކާރުގެ ވަފުދަކާ އެކު ބޭއްވި ބައްދަލުވުމެއްގައި ހުށަހަޅާފައިވާ ކަމަށެވެ.
"ބައި ސްޓޭޖް ޑުއަލް ފްލެޕް ވޭވް އެނާޖީ ކޮންވާޝަން ޓެކްނޮލޮޖީ"ގެ ނަން ދީފައިވާ އެ ޓެކްނޮލޮޖީ ދިވެހި ސަރުކާރަށްް ހުށަހެޅީ އިންޑިއާކަނޑުގެ ރާޅުތަކުން ހަކަތަ އުފައްދަން އޮތް ފުރުސަތުތައް ބަލާށެވެ.
އިންޑިއާގެ ކުންފުނިން ބުނީ އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާޅުން ހަކަތަ އުފެއްދޭތޯ ބަލަން ރާއްޖޭގައި ޕައިލޮޓް ޕްރޮޖެކްޓެއް ހިންގަން އެ ކުންފުނިން ހުށަހެޅި ކަމަށެވެ. ވިޔަފާރި އުސޫލުން އެ މަސައްކަތް ކުރެވޭ ވަރަށް އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ގަސްދުކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"ދިވެހި ސަރުކާރުން ކީ ހޫނު މަރުހަބާ އާއި ޕޮޒިޓިވް މަޝްވަރާތަކާއި މި ފުރުސަތު އެކްސްޕްލޯ ކުރަން ދިވެހި ސަރުކާރުގެ މަންދޫބުންގެ އޮތް ހުޅުވާލެވިފައިވާ ވިސްނުމުން އަޅުގަނޑުމެންނަށް ހިތްވަރު ލިބިއްޖެ،" އެ ކުންފުންޏާ ހަވާލާދީ އެ ނޫހުގައި ވެ އެވެ.
މިކަމާ ބެހޭ ގޮތުން އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖްގެ ބަހެއް އަދި ނުލިބެ އެވެ.