މީގެ ދެ ދުވަހެއް ކުރިން ސޯޝަލް މީޑިއާގައި ޑިޒްނީ ކާސަލްއެއްގެ ފޮޓޯއެއް ދައުރުވާން ފެށި އެވެ. އެންމެ ފުރަތަމަ ހީވީ އެއީ ފޮޓޯ ބެކްޑްރޮޕެއް ކަމަށެވެ. އެކަމަކު އެއީ މަޝްހޫރު ޑިޒްނީ ތީމް ޕާކުތަކުން ވެސް ފެންނަން ހުންނަ ކަހަލަ ކާސަލްއެކެވެ. ހަތަރު މަސް ދުވަހުގެ މަސައްކަތުން ހުޅުމާލެ 2 ގައި އެ ކާސަލް ހެދީ މަޝްހޫރު ވިޔަފާރިވެރިއަކު އޭނާގެ ތިން ކާފަ ކުދިންގެ އުފަންދުވަހުގެ ޕާޓީއަށެވެ.
އިއްޔެ ހަވީރުން ފެށިގެން ރެޔާ ހަމަޔަށް އެ ޕާޓީ އޮތީ ކާސަލްގެ ތެރޭގަ އެވެ. ނަމަވެސް ބޭރުގައި ތިބެ އެ ތަން ބަލާލައި އަދި ރޭ ހަތް މިނިޓަށް އެރުވި ހަވާ ބަލަން އެތައް ސަތޭކަ ބަޔަކު އެ ސަރަހައްދަށް ޖަމާވި އެވެ.
އައިމާ ކޮންސްޓްރަކްޝަންގެ ވެރިޔާ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް އަބްދުލްއަޒީޒް (އައިމާ އިބްރާހިމް) "މިހާރު" އަށް މިއަދު ވިދާޅުވީ އެއީ އޭނާއަށް ކާފަ ކިޔާ ފަސް އަންހެން ކުދިންގެ ތެރެއިން ތިން ކުއްޖަކަށް ދިން ހަދިޔާއެއް ކަމަށެވެ.
"ހުޅުމާލޭގައި އޮތް އަޅުގަނޑުމެންގެ އަމިއްލަ ބިމެއްގައި އެ ތަން މި ހެދީ،" އިބްރާހިމް ވިދާޅުވި އެވެ.
އެތަން ހަދަން ސާމާނު ގެނައީ ޗައިނާ އިންނެވެ. އަދި ޑިޒްނީގެ ކެރެކްޓާ ކޮސްޓިއުމް ލައިގެން ތިބި ކުދިން ގެނައީ ދުބާއީއިންނެވެ. އިމާރާތް ހެދީ އައިމާ ކޮންސްޓްރަކްޝަންގެ ދިވެހި މުވައްޒަފުންނެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ވަރަށް ހުނަރުވެރި ދިވެހި މުވައްޒަފުން. ކާސަލް ރާވައި ޕެއިންޓްކޮށް، އެ ހުރިހާ ކަމެއް ކުރީ އެ މުވައްޒަފުން،" އިބްރާހިމް ވިދާޅުވި އެވެ.
ހަތަރު މަސް ދުވަހުގެ މަސައްކަތަށް ފަހު ފައްކާކުރި ކާސަލް މިއަދު ނޫނީ މާދަމާ ރޫޅާލަން ފަށާނެ އެވެ.
"ކާފަ ކުދިންގެ އުފަލަކަށް އަޅުގަނޑު ކޮށްލި ކަމެއް މިއީ. ރާއްޖޭގައި ވެސް މި ގޮތަށް ތީމް ޕާކެއް ދާއިމީކޮށް ހެދިދާނެކަން މި މަސައްކަތުން އެނގިއްޖެ ނޫންތޯ؟ މިއީ ރަނގަޅު ކަމެއް ރާއްޖޭގައި ކޮށްލަން. އެ މެސެޖު ވެސް އަޅުގަނޑަށް ދެވިއްޖެ،" މީގެ 29 އަހަރު ކުރިން އުފެއްދި އައިމާގެ ވެރިޔާ އިބްރާހިމް ވިދާޅުވި އެވެ.
ހަވާއެރުވުމާއެކު ބޮޑު ހޭދައެއް ކޮށްގެން ބޭއްވި ޕާޓީއާ ގުޅިގެން ފާޑުކިޔުން އަމާޒު ވިޔަސް އިބްރާހިމް ވިދާޅުވީ، މި ކަހަލަ ކަމެއްގައި ފާޑުކިޔުންތައް އުޅޭނެކަން ގަބޫލު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ބޭނުންވީ ހަނދާނަކަށް ވެސް ކަމެއް ކޮށްލަން. މިއަކު ގޯސްކަމެއް ނުހިނގާ. އަޅުގަނޑު ނޯންނާނެ މީހެއްގެ ހައްގަކަށް އަރައިގެންފައެއް. ކޮރަޕްޝަންގެ ކަމެއްގައި ހިމެނިފައެއް ނޯންނާނެ. އަޅުގަނޑުމެންނަކީ ކުޑަކުޑަ ވަޑާންގެއަކުން މިހާ ހިސާބަށް ދަތުރުކުރި ބައެއް،" އިބްރާހިމް ވިދާޅުވި އެވެ.
ސޯޝަލް މީޑިއާ ފުރާލާފައިވަނީ ކާސަލްގެ ފުރިހަމަކަން ފެންނަ ފޮޓޯތަކާއި ވީޑިއޯތަކުންނެވެ. އެ މަންޒަރު ބަލަން ޕާޓީ ކުރިއަށްދިޔަ ވަގުތު އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވީ މިއީ ރާއްޖޭގައި ވެސް މިގޮތަށް ބޭއްވި ފުރަތަމަ ޕާޓީ ކަމަށް ވުމުންނެވެ. ހަމަ ލޮލުން އެ ކާސަލްގެ ފުރިހަމަކަން ބަލާލަން އެތއް ބަޔަކު ބޭނުންވީ އެވެ.