ވިލާ ކޮލެޖާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލް (މާޕް) ގުޅިގެން، ވަޒީފާ އަދާކުރާ މީހުންނަށް ހާއްސަ މެންޓާޝިޕް ޕްރޮގްރާމެއް ފަށައިފި އެވެ.
މި ޕްރޮގްރާމްގެ ބޭނުމަކީ ސީނިއާ މެނޭޖްމަންޓާއި ސްޓްރެޓެޖިކް ނިންމުންތައް ނިންމާ މަގާމުތަކަށާއި ލީޑަޝިޕްގެ މަގާމްތަކަށް މީހުން ތައްޔާރުކޮށް، ވަޒީފާގެ މައިދާނުގައި ކުރިއަށް ދިއުމަށް ހަލުވި، އާ ފުރުސަތުތައް ހުޅުވައިލުން ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
"މެންޓަޝިޕް ޕްރޮގްރާމް ފޯ ވާކިން ޕްރޮފެޝަނަލްސް" ގެ ނަމުގައި ފަށާ މި ޕްރޮގްރާމް ރަސްމީކޮށް ތައާރާފްކުރީ، މިދިޔަ ހޯމަ ދުވަހު ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ޕްރޮގްރާމުގެ ދަށުން، އެކި ދާއިރާތަކުގެ ތަޖުރިބާކަރުންނާއި ކުރިއަރަމުން އަންނަ ޒުވާނުން ގުޅުވައިދީ، ކަނޑައެޅިފައިވާ އަމާޒުތަކެއް ހާސިލްކުރުމަށް މަސައްކަތް ކުރާނެ އެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބެޗު ހިންގާނީ ހަ މަހާއި ނުވަ މަހާ ދެމެދުގެ މުއްދަތަކަށެވެ.
މި މުއްދަތުގައި ޕްރޮގްރާމްގެ ބައިވެރިންނާއި ޕްރޮގްރާމް ހިންގާ ފަރާތްތަކުން ގަވާއިދުން ބައްދަލުކުރާނެ އެވެ. އަދި ކަނޑައަޅާފައިވާ އަމާޒުތަކަކަށް ވާސިލްވުމަށްޓަކައި ފުރިހަމަކުރަންޖެހޭ އަމަލީ މަސައްކަތްތަކާއި ޕްރޮޖެކްޓްތައް ޕްރޮގްރާމްގައި ހިމެނޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުން ފުރުސަތު ދޭނީ ހަމައެކަނި ވިލާ ކޮލެޖުގެ ދަރިވަރުންނާއި ކުރީގެ ދަރިވަރުންނަން ކަމަށް ވިޔަސް ކުރިމަގުގައި އެ ފުރުސަތު ފުޅާކުރަން ވިލާ ކޮލެޖުން ވަނީ ނިންމައިފަ އެވެ.
ވަޒީފާ އަދާކުރާ މީހުންނަށް ހާއްސަ މެންޓާޝިޕް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި، މާޕްގެ ރައީސް އަލީ އާދަމް ވިދާޅުވީ، ގްރެޖުއޭޓުންނަށް އިލްމާއި އީޖާބީ ވިސްނުމުގެ ހުނަރު ލިބޭނެ ކަމަށެވެ.
ވިލާ ކޮލެޖުގެ ވައިސް ޑިރެކްޓަރު، އެސޯސިއޭޓް ޕްރޮފެސަރު ޑރ. އަލީ ނަޖީބު ވިދާޅުވީ "ކާމިޔާބު މެންޓަރިން" ގުޅުމެއް ބިނާވާންޖެހޭނީ އިތުބާރާއި އެކަކު އަނެކަށް ދޭ އިހްތިރާމާއި ކުރިއެރުމަށްޓަކައި ދޭ ހިޔާލާއި ދެފަރާތުން ވެސް ކަނޑައަޅާ އަޒުމުގެ މައްޗަށް ކަމަށެވެ. ކާމިޔާބު ލީޑަރަކަށް ވުމަށް ސްޓްރެޓެޖިކް ވިސްނުމާއި އިމޯޝަނަލް އިންޓެލިޖެންސާއި ދަތިތަކުގެ ތެރެއިން ކުރިއަށް ދިއުމަށް ހިތްވަރާއި މުއައްސަސާތަކުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމުގެ ގާބިލްކަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ޕްރޮގްރާމް ތައާރަފު ކޮށްދެއްވައި، ހިންގާނެ ގޮތް ހުށަހެޅުއްވީ މާޕްގެ ކޯފައުންޑަރު އަދި ނައިބު ރައީސް އަފީފް ހުސައިން އެވެ.
ޕްރޮގްރާމް ތައްޔާރު ކޮށްފައިވަނީ ސިންގަޕޫރު ފަދަ ގައުމުތަކުގައި ބޭނުންކޮށްފައިވާ މެންޓަރިން މޮޑެލްތަކަށް ބަލައިގެން، ބައިނަލްއަގްވާމީ ތަޖުރިބާކާރު މެންޓަރުންގެ ހިޔާލުތަކާ އެކު ރާއްޖޭގެ މާހައުލަށް ފެތޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި "ކެރިއާ ގްރޯތު ބައި ޑިޒައިން: ލެސަންސް ފްރޮމް އިންޑަސްޓްރީ އެކްސްޕާޓްސް" ގެ ނަމުގައި ޕެނަލް ޑިސްކަޝަނެއް ވެސް ބޭއްވި އެވެ. އެ ޑިސްކަޝަންގައި ތަފާތު ދާއިރާތަކުގެ ޕްރޮފެޝަނަލުން، އެ މީހުންގެ ކެރިއަރުގެ ތަފާތު މަރުހަލާތަކުގައި މެންޓަޝިޕުން ލިބުނު ތަޖުރިބާތައް ހިއްސާކުރި އެވެ.