ކުޑަކުދިންނަށް ކުރާ އެކި އަނިޔާއިން ރައްކާތެރިކުރަން ފަރުދީ ބައިވެރިވުން އިތުރު ކޮށްދިނުމަށް އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިކުރުމުގެ ދުވަހުގެ މުނާސަބަތުގައި އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކޮންމެ ކުއްޖަކީ ވެސް ރައްކާތެރި އަދި ކުލުނުވެރި މާހައުލެއްގައި އުޅެބޮޑުވުމުގެ ހައްގު ލިބިފައިވާ ކުއްޖެއްކަން މި ދުވަހު ހަނދާން ކޮށްދޭ ކަމަށެވެ. 

އަނިޔާއިން އެ ކުދިން ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމަށާއި އަދި އަނިޔާއަށް ހުށަހެޅިފައިވާ ކުދިން ދެނެގަންނަން އެ ކުދިންގެ ކިބައިން ފެނިދާނެ ނިޝާންތައް ދެނެގަނެ އެކަންކަމަށް ސަމާލުވުމުގެ އިތުރުން އެ ކުދިންނަށް ކުރާ އަނިޔާތައް ރިޕޯޓު ކުރުމަކީ ކޮންމެ މީހަކަށް ވެސް ލާޒިމްކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ.

"މިފަދަ ދުވަހެއްގައި އަޅުގަނޑުމެންގެ އަޒުމަކަށް ހަދަންވީ ކުޑަކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ އަނިޔާއިން އެ ކުދިން ރައްކާތެރިކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި އެ މީހެއްގެ ބައިވެރިވުން އިތުރުކުރުމެވެ. ތިމާގެ ފަރާތުން ކުޑަކުއްޖެއްގެ ރައްކާތެރިކަމަށް އަސަރުކުރާނެ ފަދަ އެއްވެސް ކަމެއް ވިޔަ ނުދިނުމުގެ އިތުރުން އެހެން މީހެއްގެ ފަރާތުން އެ ކުދިންނަށް ކުރިމަތިވެދާނެ އެފަދަ ކޮންމެ ކަމެއް ހުއްޓުވުމަށް މަސައްކަތްކުރުމެވެ،" މިނިސްޓްރީން ބުންޏެވެ. 

ބަޔާނުގައި ބުނީ އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، އެ އުނދަގޫ ހާލަތުން އަރައިގަތުމަށް މުއައްސަސާތަކުން ކުރާ މަސައްކަތުގައި މުޖުތަމައުގެ ދައުރެއް އޮތުން ބޭނުންތެރި ކަމަށެވެ.