ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން "އާ އަހަރަށް އާކޮށްލާ" ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެޗްޑީއެފްސީގެ ލައިޓް ފައިނޭންސިން އަށް އެޕްލައިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، 5،000ރ. ހޯދުމުގެ ފުރުސަތު އޮތް މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މި މަހުގެ 22 އިން ޑިސެމްބަރު 31 އަށެވެ.
ލައިޓް ފައިނޭންސިންގައި ގެދޮރު މަރާމާތުގެ ކުދިކުދި ކަންކަން ކުރުމަށް ނުވަތަ ފަރުނީޗަރާއި ގޭތެރޭގެ ސާމާނު ގަތުމަށް ފައިސާ ހޯދުމުގެ ފުރުސަތު ލިބެ އެވެ.
މި ޕްރޮމޯޝަނުގެ ލަކީޑްރޯއިން ހޮވޭ ފަސް ފަރާތަކަށް އަންނަ ޖެނުއަރީ ހަ ވަނަ ދުވަހުގެ ކުރިން 5،000ރ. ލިބޭނެ އެވެ. ކޮންމެ ދެ ހަފުތާއަކުން މި ލަކީޑްރޯ ހޮވާނެ އެވެ. ފުރަތަމަ ލަކީ ޑްރޯގެ ގުރުއަތު މިހާރު ވަނީ ނަގައިފަ އެވެ.
މި އަހަރު ނިމުމުގެ ކުރިން ލައިޓް ފައިނޭންސިންއަށް އެޕްލައިކުރާ ފަރާތްތަކަށް މި ޕްރޮމޯޝަނުން ފުރުސަތު ލިބޭނެ އެވެ.
އެޗްޑީއެފްސީގެ ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް، ފަސޭހަކަމާ އެކު އެޗްޑީއެފްސީ ލައިޓް ފައިނޭންސިންއަށް އެޕްލައި ކުރެވޭނެ އެވެ. އަދި މި ޕޯޓަލްއިން އެޕްލިކޭޝަނަށް ހުށަހަޅާ ފަރާތްތަކަށް އެ ފަރާތުގެ އެޕްލިކޭޝަން ސްޓޭޓަސް ވަގުތުން ބަލާލެވޭނެ އެވެ.
އެޗްޑީއެފްސީގެ ލައިޓް ފައިނޭންސިންގައި ކަސްޓަމަރުންނަށް ކުދި ކުދި މަރާމާތުތައްކޮށް، ފަރުނީޗަރާއި ގޭތެރޭގެ ތަކެތި ފަސޭހަކަމާ އެކު ގަނެވޭނެ އެވެ.
މިއަށް އެލިޖިބަލް ކަސްޓަމަރުންނަށް އެއްވެސް ރަހުނެއް ނުހިމެނޭ ގޮތަށް 50،000ރ. އިން ފެށިގެން 500،000ރ. އާ ހަމައަށް ލޯން ލިބޭނެ އެވެ. ފައިސާ އަނބުރާ ދައްކަން ފަސް އަހަރު ލިބޭނެ އެވެ.
އަދި އެޗްޑީއެފްސީގެ މުސާރަ އުނިކުރުމުގެ ސްކީމްގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ނުވަ ޖަމިއްޔާއަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. ކަސްޓަމަރުންނަށް ވަޒިފާދޭ ފަރާތް ރަޖިސްޓްރީ ކޮށްފައިވޭތޯ އެޗްޑީއެފްސީގެ ވެބްސައިޓް މެދުވެރިކޮށް ޗެކް ކުރެވޭނެ އެވެ.