އެސްޓީއޯގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު އަހަރަކު 20 ބިލިއަން ރުފިޔާގެ އާމްދަނީއަކާއި އެއް ބިލިއަން ރުފިޔާގެ ސާފު ފައިދާ ހޯދާ ކުންފުންޏަކަށް ވުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ހަފުތާ 156" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝިމާދު ވިދާޅުވީ މިދިޔަ ތިން އަހަރު ވެސް އެ ކުންފުނީގެ ގްރޮސްޕްރޮފިޓާއި ނެޓް ޕްރޮފިޓް ވެސް އިތުރުވަމުން އައިސްފައިވާ ކަމަށެވެ. އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ގާތްގަނޑަކަށް 750 މިލިއަން ރުފިޔާ ލިބުނެވެ.

"މިހިރަ އަދަދުތަކަށް ބަލާއިރުގައި އަޅުގަނޑުމެންގެ އިންވެސްޓްމެންޓް ވެސް އަދި ވިޔަފާރީގައި މިނަގާ ޑެސިޝަން ތަކުގެ ވެސް ނަތީޖާ ވަރަށް ރަނގަޅޭ ދެންނެވޭނީ. އަޅުގަނޑުމެންގެ އަމާޒެއް އެއީ 2030 އާ ހަަމައަށް ދާއިރު އެސްޓީއޯއަަކީ އާމްދަނީގެ ގޮތުން 20 ބިލިއަން ރުފިޔާ، ސާފު ފައިދާގެ ގޮތުން އެއް ބިލިއަން ރުފިޔާ [ލިބޭ ކުންފުންޏަކަށް ހެދުން]،" ޝިމާދް ވިދާޅުވި އެވެ.

މި އަހަރުގެ ތިން ކުއާޓަރުގެ މާލީ ހިސާބުތަކަށް ބަލާއިރު މި އަހަރު އެސްޓީއޯއަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯއިން އާއްމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނިން 4.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދި އިރު ނެޓް ޕްރޮފިޓަކީ 276 މިލިއަން ރުފިޔާ އެވެ. ދެވަނަ ކުއާޓަރުގައި 5.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު ނެޓް ޕްރޮފިޓަކީ 280 މިލިއަން ރުފިޔާ އެވެ. ތިންވަނަ ކުއާޓަރުގައި 6.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު ނެޓް ޕްރޮފިޓަކީ 281 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ތިން ކުއާޓަރުގެ ޖުމްލަ ނެޓް ޕްރޮފިޓަކީ އެ ހިސާބުތަކަށް ބަލާއިރު 837 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް "މިހާރު"އަށް އިންޓަވިއުއެއް ދެއްވަނީ،---ފޮޓޯ: ނިޝާން އަލީ| މިހާރު
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް "މިހާރު"އަށް އިންޓަވިއުއެއް ދެއްވަނީ،---ފޮޓޯ: ނިޝާން އަލީ| މިހާރު

ޝިމާދު ވިދާޅުވި ގޮތުގައި އެސްޓީއޯއިން މަސައްކަތްކުރަމުން އަންނަނީ ބޮޑު ފައިދާއެއް ލައިގެން ވިޔަފާރި ކުރުމުގެ ބަދަލުގައި ވިޔަފާރީގެ ވޮލިއުމް އިތުރުކޮށްގެން ފައިދާ ނެރޭށެވެ. 

"އަޅުގަނޑުމެން އަސްލު ސާފުފައިދާ ވަކިވަރެއްގައި މި ހިފަހައްޓަނީ، އެއީ އަޅުގަނޑުމެން ބޭނުމެއް ނުވޭ ބޮޑެތި އަގުގައި މުދާ ވިއްކައިގެން، ހާއްސަކޮށް ތެޔޮ ވިއްކައިގެން އެއްފަހަރާ ބޮޑު މަންފާއެއް ހޯދާކަށް. އޭގެ ބަަދަލުގައި ތެލަކީ އަސާސީ ބާވަތަކަށް ވާތީ އަޅުގަނޑުމެން ރިސޯޓްތަކަށް ޔޮ ވިއްކާއިރު ވެސް އަދި އެހެނިހެން ޑިސްޓްރިބިއުޓަރުންނަށް ވިއްކާއި އިރުވެސް އަދި ރައީސުލް ޖުމްހޫރިއްޔާ[ޑރ.މުހައްމަދު މުއިއްޒު]ގެ ވައުދާ އެއްގޮތަށް މަސްވެރިންނަށް ވިއްކާ އިރުވެސް ވީހާ ވެސް ކުޑަ މާޖިންއެއްގައި މި ވިއްކަނީ. ވޮލިއުމް ބޭސްޑް ވިޔަފާރިއަކަށް ވާތީ ވޮލިއުމުން އަޅުގަނޑުމެން ބޭނުންވަނީ ފައިދާ ނެރެން،" ޝިމާދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ 2024 ވަނަ އަހަރު ބަންކަރިން ވިޔަފާރި ފަށައި، އާ އުފެއްދުމެއް ކަމަށްވާ ވީއެލްއެސްއެފް ވިއްކަން ފެށުމަކީ އެސްޓީއޯއަށް ކާމިޔާބު މަސައްކަތެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތް ފެށިތާ ފުރަތަމަ ދެތިން މަހު ލިބުނީ ގާތްގަނޑަކަށް 2.9 މިލިއަން ޑޮލަރުގެ އާމްދަނީ އެކެވެ. އެ ވިޔަފާރިން މިދިޔަ އަހަރު 18 މިލިއަން ޑޮލަރު ލިބުނު އިރު މިއަހަރުގެ މިހާތަނަށް 70 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.