ބަންގްލަދޭޝްގައި ބޭއްވި 15 ވަނަ ސާފް ޗެމްޕިއަންޝިޕުން ސްރީ ލަންކާ އާއި ޕާކިސްތާނަށް ނާކާމިޔާބުވުމުން، އެ ދެ ގައުމުގެ ފުޓްބޯޅަ އިދާރާތަކުގެ ރައީސުން ކުރިއަށް ނުކުންނަވައި އެ ނަތީޖާތަކާ ބެހޭގޮތުން ބަޔާންތައް ނެރުއްވައި ވާހަކަ ދެއްކެވި އެވެ.

ފައިނަލު މެޗުން ބަލިވިތާ ގަޑިއެއްހާއިރު ތެރޭ ޕާކިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ، އެ އިދާރާގެ ރައީސް މްހްސިން ގިލާނީގެ ބަޔާނެއް ނެރެފަ އެވެ. ގުރޫޕް ސްޓޭޖުން ލަންކާ ކަޓައިގެން ދިއުމުން، ފުޓްބޯލް ސްރޯ ލަންކާގެ ރައީސް ޖަސްވާރު އުމަރު، ބަޔާނެއް ނެރުއްވައި، މައާފަށް ވެސް އެދުނެވެ.

ދެ ގައުމުގެ ފުޓްބޯޅައިގެ ރައީސުން އާންމު ކުރެއްވި ބަޔާންތަކުގައި ވަނީ، އެ ނަތީޖާތަކަކީ ވެސް ޓީމު އަލުން ބިނާކުރުމުގެ މަރުހަލާގެ ބައެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. 

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ކެޓީ، އެ މުބާރާތުގެ ތާރީހުގައި ދިވެހި ޓީމެއް ކަޓާނެ އެންމެ ލަދުވެތި ގޮތަށެވެ. ލަނޑެއް ވެސް ނުޖެހުނު ތަނުގައި، ރަނގަޅު ކުޅުމެއް ވެސް ނުދެއްކުނެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ރާއްޖޭގެ އެންމެ ދަށް ނަތީޖާ އެވެ. 

ލަންކާގެ ފުޓްބޯޅައިގެ ރައީސް ޖަސްވާރު އުމަރު، ރާއްޖޭގެ ތޯރިގް، ޕާކިސްތާޏުގެ މްހްސިން ގިލާނީ: ޕާކިސްތާނާއި ލަންކާގެ ފުޓްބޯޅައިގެ ރައީސުން ވަނީ އެ ގައުމުތައް ކުރިމަތިވި ނާކާމިޔާބާ ގުޅިގެން ބަޔާން ނެރެފައި
ލަންކާގެ ފުޓްބޯޅައިގެ ރައީސް ޖަސްވާރު އުމަރު، ރާއްޖޭގެ ތޯރިގް، ޕާކިސްތާޏުގެ މްހްސިން ގިލާނީ: ޕާކިސްތާނާއި ލަންކާގެ ފުޓްބޯޅައިގެ ރައީސުން ވަނީ އެ ގައުމުތައް ކުރިމަތިވި ނާކާމިޔާބާ ގުޅިގެން ބަޔާން ނެރެފައި

އެކަމަކު މިހާތަނަށް ވެސް، އެފްއޭއެމުން އަދި އެ އިދާރާގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވެސް އެކަމާ ބެހޭގޮތުން އެއްޗެއް ނުބުނެ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ އިނާމުދިނުމުގެ ރަސްމިއްޔާތަށް ވެސް އެފްއޭއެމްގެ އޮފިޝަލަކު ނުދެ އެވެ. ފެއާޕްލޭ އެވޯޑް ބަލައި ދިޔައީ، މުބާރާތް ކަވަރުކުރަން ދިޔަ ދިވެހި ނޫސްވެރިއެކެވެ.

މުބާރާތުގައި ކުރިމަތިވި ނާކާމިޔާބާ އެކު، އެހެން ގައުމުތަކުގެ ރައީސުން ބަޔާން ނެރެ މެސްޖެ ފޯރުކޮށްދިން ނަމަވެސް، އެފްއޭއެމް ފެންނަނީ ހިމޭން ކޮށެވެ. އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ވިދާޅު ނުވާނަންތޯ، ވަޓްސްއެޕް މެދުވެރިކޮށް ކުރި ސުވާލަށް ތޯރިގް ޖަވާބެއް ނުދެއްވަ އެވެ. 

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ އަހްމަދު ޒަރީރު ވެސް، އެފްއޭއެމްއާ ގުޅޭ އެހެން ސުވާލުތަކަށް، އިއްޔެ ހަވީރު އަދި މިއަދު ވެސް ޖަވާބު ދެއްވާފައިވެ އެވެ. އެކަމަކު ސާފް ޗެމްޕިއަންޝިޕްގެ ނާކާމިޔާބާ ގުޅިގެން، އެފްއޭއެމްގެ ރައީސް ބަޔާނެއް ނުދެއްވާނެތޯ، ކުރި ސުވާލަށް ޒަރީރު ޖަވާބެއް ނުދެއްވަ އެވެ. 

އެފްއޭއެމްގެ ރައީސް ތޯރިގް: ސާފް ޗެމްޕިއަންޝިޕްގެ ނާކާމިޔާބާ ގުޅިގެން އޭނާ މިހާތަނަށް އެއްވެސް އެއޗެއް ވިދާޅުނުވޭ --- ފޮޓޯ: އެފްއޭއެމް
އެފްއޭއެމްގެ ރައީސް ތޯރިގް: ސާފް ޗެމްޕިއަންޝިޕްގެ ނާކާމިޔާބާ ގުޅިގެން އޭނާ މިހާތަނަށް އެއްވެސް އެއޗެއް ވިދާޅުނުވޭ --- ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ފުޓްބޯޅަ އާއި އެފްއޭއެމްއާ ގުޅޭ މައްސަލަތަކުގައި ފާޑުކިޔުމުގެ ނަޒަރުން ކޮލަމް ލިޔާ، އެ އިދާރާގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް ހާމިދު އަބްދުލް ޣަފޫރު ވިދާޅުވީ، ސާފް ޗެމްޕިއަންޝިޕްގެ ބޮޑު ނާކާމިޔާބު ރާއްޖެއަށް ކުރިމަތިވުމުގެ މަރުހަލާއާ ހަމައަށް ދިޔައީ އެންމެ އަހަރަކުން ނޫން ކަމަށެވެ. އެކަމަކު މި ވަގުތު އެފްއޭއެމްގެ އެންމެ އިސްވެރިޔަކަށް ތޯރިގް ހުންނެވުމުން، އެންމެ އިސްކޮށް ކުރިއަށް ނުކުންނަވައި ވާހަކަ ދައްކަން ޖެހޭނީ އޭނާ ކަމަށް ހާމިދު ވިދާޅުވި އެވެ. 

"މި ދަށް ނަތީޖާއާ ހަމަށް ދިޔައީ ހަމައެކަނި މިދައުރުގައެއް ނޫން. މިއީ އަހަރުތަކެއް ގޯސްކޮށް ދިއުމުގެ ނަތީޖާ. އެކަމަކު މި ވަގުތު އެފްއޭއެމްގެ ރައީސްއަކަށް ހުންނެވީ ޓޮމް. އެހެންވީމަ މި ވަގުތު މިކަމަށް ޖަވާބުދާރީވުމަށާއި ގައުމީ ޓީމުގެ ކުރިމަގާ ބެހޭގޮތުން ވާހަކަ ދައްކަން ޖެހޭނީ އޭނާ،" ހާމިދު ވިދާޅުވި އެވެ. 

އެކަމަކު މިހާތަނަށް ވެސް، މިކަމުގައި އެފްއޭއެމް ފެންނަނީ ހިމޭންވެފައިވާ ތަނެވެ.