(ބުދަ ދުވަހާ ގުޅޭ)
"ދޮށީމަނިއްޕުޅު އަވަހާރަވެއްޖެ!" އާދަނު ގާތުގައި ދޮންމަނިކު ބުންޏެވެ.
އާދަނަށް ފުރަތަމަ ވެސް ބަލައިލެވުނީ ދޮންކަމަނައަށެވެ. ދޮންކަމަނަ ތެދުވެގެން ބާރަށް ހިނގާފައި ގޮސް ގޭތެރެއަށް ވަނެވެ.
"ކިހިނެއް އަވަހާރަވީ؟" އާދަނު ސުވާލުކުރިއެވެ.
"އަދި މުޅީން ކަށަވަރެއް ނުވޭ!" ދޮންމަނިކު ބުންޏެވެ. "އެއްޗެއްގަ މަނަވަރު ޖެހުނީއޭ ވެސް އެބަ ކިޔާ! އަޑީން ހަމަލައެއްދިނީއޭ ވެސް ކިޔާ! އެތެރެއިން އެއްޗެއް ގޮވީއޭ ވެސް ކިޔާ! ކޮންމެ ގޮތެއް ވިޔަސް މަނަވަރު ފުނޑުފުނޑުވެގެން އަޑިއަށް ހިނގައްޖެ! އެކަކު ވެސް ސަލާމަތެއް ނުވޭ!"
"ކޮން އިރަކު ތި ކަމެއް ހިނގީ؟" އާދަނު އެހިއެވެ.
"ނާހަން." ދޮންމަނިކު ބުންޏެވެ.
"ގަބުރުތައް ފެނިއްޖެ؟" އާދަނު އެހިއެވެ.
"ތިޔެއް ވެސް ނާހަން." ދޮންމަނިކު ޖަވާބުދިނެވެ.
ހަފީޒާގެ ހާލު ބަލައިލަން އާދަނު ބޭނުމެވެ. ދެރަވާން ވެސް އާދަނު ބޭނުމެވެ. ކޮންމެވެސް ސަބަބަކާ ހުރެ އާދަނަކަށް ދެރައެއް ނުވެވުނެވެ. އާދަނު ދެރަވީ އެ ކަމާއެވެ. ހިތަށް އެރިއެވެ. އަހަރެންގެ ހިތް އެހައި ހިލަވީ ކޮން އިރަކު ހެއްޔެވެ؟ އަހަރެންގެ އަމިއްލަ އެދުން އެހައި ބޮޑުވީ ކޮން އިރަކު ހެއްޔެވެ؟
އާދަނަކަށް ދެނެއް ނުކެވުނެވެ. ހަފުލާގެ އުފާވެރިކަމަށް އެޅުނު ހިޔަނިން މުޅި ގޯތި ތެރެ ކަޅުކޮށްލިއެވެ. ތަނުގައި ތިބި މަދު މެހުމާނުން ތިބީ އަނދިރީގައެވެ. ވެގެން އުޅޭ ގޮތެއް އެކަކަށް ވެސް ނޭނގެއެވެ. އެނގެނީ ހިތާމަވެރި ހާދިސާއެއް ހިނގައިފި ކަމެވެ. ކައިވެނި ހަފުލާގެ ރޫހު ގެއްލިއްޖެ ކަމެވެ. ކޮންމެ މީހަކު ވެސް ކައި އަވަދިވެގެން، އިރުކޮޅަކު އިނދެފައި ނުކުމެގެން ދިޔައީއެވެ. އިރުކޮޅަކުން ކިލެގެފާނު ވެސް ވަޑައިގަތީއެވެ. އަރިހުގައި ކަލޭފާނު ވެސް ދުރުވިއެވެ. އާދަނަކަށް ނީނދެވުނެވެ. މަޑުމަޑުން ތެދުވެގެން ގޮސް ފެންޑާގެ ދޮރުމައްޗަށް ހުއްޓުނެވެ. ދެ ފިކުރެއްގައި ހުރެފައި ސަލާން ގޮވައިލިއެވެ. ޖަވާބެއް ނައެވެ. އަނެއްކާ ސަލާން ގޮވައިލިއެވެ. ސަލާން ބަލައިގަތީ ދޮންކަމަނައެވެ. އާދަނު އެތެރެއަށް ވަނެވެ.
"އާދަނު ދޭ ގެއަށް،" މަޑުމަޑުން ދޮންކަމަނަ އެދުނެވެ. "ކަލޭފާނު ދުރުވީމަ އަހަރެން ވެސް ދާނަން. ހަފީޒާ ވަރަށް އެބަ ކީރިތި ކުރައްވާ!"
"ހަފީޒާއާ ބައްދަލުކޮށްލަން ބޭނުން،" އާދަނު ބުންޏެވެ. "އެސްފިޔަޖަހާލާހާ އިރުކޮޅެއް ވާނީ."
"ހަފީޒާ ބޭނުންފުޅެއް ނޫން އާދަނާ ބައްދަލުކުރާކަށް." ނުބުނަން އުޅެލައިފައި ދޮންކަމަނަ ބުންޏެވެ.
"އެއީ ކީއްވެ؟" ހައިރާންވެފައި އާދަނު ބުންޏެވެ.
"އެއީ ކީއްވެކަން އަހަންނަށް ވުރެ ރަނގަޅަށް އާދަނަށް އެނގޭނެ،" ފަސްއެނބުރިފައި ހިނގައިގަންނަމުން ދޮންކަމަނަ ބުންޏެވެ. "ގޮސް ނިދާ! އަހަންނަކަށް ނޭނގެ ދެވޭނެ އިރެއް."
ދޮންކަމަނަ ގޮސް ހަފީޒާގެ ކޮޓަރިއަށް ވަނެވެ. އެނދުގައި އިށީނދެގެން އިން ހަފީޒާ އޭރު ވެސް ރޮނީއެވެ. ދޮންކަމަނަ ވަނުމުން ހަފީޒާ ރުޅި އައިސްފައި ތެދުވިއެވެ.
"ކީކޭ މަ ބުނީ؟" ހަފީޒާ ސުވާލުކުރިއެވެ. "ހަމަ މިހާރު ނުކުމޭ!"
ދޮންކަމަނަ ސިއްސައިގެން ގޮސްފައި ފަހަތަށް ޖެހިލި ވަގުތު މީހެއް ގައިގައި ޖެހުމުން އަނެއްކާ ސިއްސައިގެންދިޔައެވެ. ފަހަތުގައި ހުރީ އާދަނެވެ.
"ބުނާ ގޮތަށް ކަންތައް ނުކުރެވެންޏާ ދޮންކަމަނަ ވެސް ނުކުމޭ!" ހަފީޒާ ހަޅޭއްލަވައިގަތެވެ.
"އަޅުގަނޑު ބުނީމޭ!" ދޮންކަމަނަ ބުންޏެވެ.
"ދޮންކަމަނަ ބުނި،" އާދަނު ވެސް އެއްބަސްވިއެވެ. "އެކަމަކު ހާލުބަލައިނުލާ ދާން އަޅުގަނޑަށް..."
"ކޮން އަޅުގަނޑެކޭ ކިޔާކަށް؟" މާތް ބަހުރުވައިން އާދަނު ވާހަކަ ދެއްކުމުން ހަފީޒާގެ ރުޅިގަނޑު ހައްތަހާ ބޮޑުވިއެވެ. "ހާލުބަލަން އަންނާނީ ހެޔޮއެދޭމީހުން. ގާތް މީހުން. ކޮން ގުޅުމެއް އަހަރުމެންގެ އޮތީ؟"
އިސްޖަހައިލުން ނޫން ކަމެއް ދޮންކަމަނައަކަށް ނުކުރެވުނެވެ. އާދަނު އެއްޗެއް ބުނަން ދެ ފަހަރު އަނގަހުޅުވައިލިއެވެ. ހާލަތަށް ބަލާފައި ހަނު ހުންނަން މަޖުބޫރުވީއެވެ. އެންމެ ގާތުގައި ހުރީ އާދަނު ލޯބިވާން ޖެހޭ އަނބިމީހާއެވެ. ދުރުގައި ހުރީ އާދަނު ލޯބިވާ ދުރުހިލޭ މީހާއެވެ. އާދަނުގެ ބަދުނަސީބަކީ އެ ހަގީގަތް، އެ ތަނުގައި ތިބި ދެ އަންހެނުންނަށް ވެސް އެނގޭ ކަމެވެ. ކޮންމެ މީހަކު ވެސް ނޭނގޭ ކަމަށް ހަދަނީއެވެ.
"ކިތަންމެ ދުރު މީހަކަސް ޖަނާޒާގަ ބައިވެރިވެވޭ،" އިހުތިރާމާ އެކު އާދަނު ބުންޏެވެ. "ތައުޒިޔާ ކިޔޭ! ދޮށީމަނިއްޕުޅަކީ އަޅުގަނޑުގެ ރައްޓެއްސެއް. އޭނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި! ހަފީޒާއަށް ކެތްތެރިކަން ދެއްވާށި! އާމީން! އެހެން ބުނެލަން މި އައީ. ހުއްދަ ނުދެނީސް ވަދެވުނު ކަމަށްޓަކާ މާފަށް އެދެން."
އާދަނަށް އެ ރޭ ވަރަށް ގަދަޔަށް ނިދުނެވެ. އެކަމަކު ދަންވަރު އެކެއް ޖެހި ފަހުން ހޭލެވުނެވެ. ދޮންކަމަނައެއް ނެތެވެ. މެދުކެނޑުމެއް ނެތި ހީރި ގޮވާ އަޑުއިވުނެވެ. އާދަނަށް އިނގިފައިވާ ގޮތުގައި ހީރިއަކީ މައްޔިތެއްގެ ފުރާނައެވެ. އެ ކަމާ ވިސްނަން އޮއްވައި އަނެއްކާ ވެސް ނިދުނީއެވެ.
ހަފީޒާއަކަށް ނުނިދުނެވެ. އެއް ފަހަރު ފެންތަށްޓެއް ގެންނަން ބުނިއްޔާ އަނެއް ފަހަރު ފޮތެއް ގެންނަން ބުނެއެވެ. ބައްޕަ ހޭލައި އުޅުއްވާތޯ ބަލަން ދޮންކަމަނަ ފޮނުވިއެވެ. ވާރޭވެހޭތޯ ބަލަން ފޮނުވިއެވެ. ކާރެއް އައިތޯ ބަލަން ވެސް ދޮންކަމަނަ ފޮނުވިއެވެ. ހަފީޒާ ބޭނުންވީ ދޮންކަމަނަ ދިޔަނުދޭށެވެ. އެ ވަރު ނޭނގޭ ހައި ދޮންކަމަނަ ޅައެއް ނޫނެވެ.
"ކައިވެނީގެ ފުރަތަމަ ރޭ ވެސް އަހަންނާ ހެދި ދޮންކަމަނަ ތި އިންނަނީ މި ތާ ހައްޔަރުވެފަ ދޯ؟" ހަމްދަރުދީހޯދުމުގެ ނިޔަތުގައި އަސަރާ އެކު ހަފީޒާ ބުންޏެވެ. "ދެން ދޭ! އަހަރެން އެކަނި އޮވެދާނަން. މި އެކަނިވެރިކަމަށް އަހަރެން ޖެހޭނެ އާދަވާން."
"ނޫންނޫން!" ދޮންކަމަނަ ބުންޏެވެ. "ހަފީޒާ ނިދިނުކުރައްވަނީސް އަޅުގަނޑު ކިހިނެއްތޯ ނިދާނީ؟"
"ދޮންކަމަނައަށް ނިދޭނެ،" ހަފީޒާ ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "ކުޑައިރު އަހަރުމެން ރޮއިރޮއި އޮއްވައެއްނު މަންމަ ނާނާކިޔައިދޭން ފަށަނީ. އިރުކޮޅަކުން ނިދެއެއްނު! އެނގޭތަ އެންމެ ރީތި ނާނާއަކީ ކޮބައިކަން؟"
"އަހަރެންގެ މަންމަ ކިޔައިދިން އެންމެ ރީތި ނާނާއަކީ މި ކުޑަކުޑަ ލޯބި ނާނާޔާ!" ވިސްނައިލާފައި ދޮންކަމަނަ ބުންޏެވެ.
ހިތް ނުތަނަވަސްވެފައި ވިޔަސް ހަފީޒާއަށް ހިނިތުންވެވުނެވެ. ހިތަށް އެރިއެވެ. ދޮންކަމަނައަށް ވިސްނޭނީ ދޮންކަމަނަގެ ބުއްދި ތަންދޭ މިންވަރަށެވެ.
"ތީ ވެސް ތެދެއް،" ހަފީޒާ ބުންޏެވެ. "އެކަމަކު އަހަރެން މި ބުނީ ލޯބީގެ ވާހަކަ. އެއަށް ވުރެ ރީތި ނާނާއެއް ނޯންނާނެ. ދޮންކަމަނައަށް ތި ލިބުނީ ވަރަށް އަޚުލާގު ރަނގަޅު، ހީވާގި، ތެދުވެރި ފިރިއެއް. އެ ކަހަލަ ހެޔޮ މީހުން ވަރަށް މަދުވާނެ."
ހަފީޒާއަށް އާދަނު އެނގޭނެ ކަމާ މެދަކު ދޮންކަމަނަ ޝައްކެއް ނުކުރެއެވެ. އެހެނަސް، ދޮންކަމަނަ ހިތަށް އެރި ސުވާލު ހިތަށް ތަކާ ވަރަށް ވުރެ ހިތުގައި ޖާގަ ކުޑަވިއެވެ.
"އެހާ ރަނގަޅު މީހެއް ދެކެ ހަފީޒާ ކީއްވެތޯ އެހާ ކޯފާވަނީ؟" ދޮންކަމަނަ އެހިއެވެ.
ބައެއް ފަހަރު ރުޅި އަކީ ވެސް ލޯބިކަން ދޮންކަމަނައަށް ވިސްނައިދޭނެ ގޮތެއް ހަފީޒާއަކަށް ނުވިސްނުނެވެ.
"ދޮންކަމަނައަކަށް އަދި ނުވިސްނޭނެ." ހަފީޒާ ޖަވާބު ކުރުކޮށްލިއެވެ.
އާދަނު ވަޅަށް ދާނި ލާފައި ނެގި ވަގުތު ދާނިން ދަނޑި ލުހުނެވެ. ދާނި ގޮސް ވަޅުގެ ފުލުގައި ޖެހިފައި ހުއްޓުނެވެ. ހެނދުނުގެ ވަގުތެވެ. ފެންދާންޏެއް ނުލިބި މޫނު ދޮވެވޭނެ ގޮތެއް ނެތެވެ. ހަގީގަތުގައި ދާނި އޮތީ ރަނގަޅަށް ނުއިންދިއެވެ. އެ ކަން އާދަނު ހަނދާން ނެތުނީއެވެ. ދާނި ނެގުމުގެ މަސައްކަތުގައި އުޅެނިކޮށް ގިފިލީ ދޮރުގައި ތަޅައިގަތް އަޑުއިވުނެވެ. އާދަނު ދޮރު ހުޅުވިއެވެ. ދޮންކަމަނަ ނިކަން ހިނިއައިސްފައި ބަލަހައްޓައިގެން ހުއްޓެވެ.
"މަ ހީކުރީ ދެން ނާންނާނެ ކަމަށް،" އާދަނު ބުންޏެވެ. "އަދިވެސް ކައިވެނި ހެދުން ބާލާކަށް ނުވޭ؟"
އާދަނާ އެކުގައި ދޮންކަމަނަ ވެސް ގިފިއްޔަށް ވަނެވެ.
"ކޮންމެ ކަމަކަށް ވެސް އޮންނާނެ ވަގުތެއް،" ލާނެތް ރާގެއްގައި ދޮންކަމަނަ ބުންޏެވެ. "ރޭނުވެ ދުވާލު މި ވީ. ކީއްތަ ތި ކުރަނީ؟ ހާދަ އިރެއް ވެއްޖޭ! ރޮނީތަ؟"
"ކޮން ކަމަކާ؟ މަނިއްޕުޅު އަވަހާރަވީމަ؟" ވަޅަށް ގުދުވަމުން އާދަނު ބުންޏެވެ. "މި އުޅެނީ ދާނި ލުހިގެން."
"އަހަންނާ އިނދެވުނީމަ،" ދޮންކަމަނަ ބުންޏެވެ. "އާދަނު ހިތަށް އަރާނެ ތަންކޮޅެއް ލަސްކޮށްލެވުނު ނަމައޭ!"
"މާތް ކަލާނގެ ކުޅަދުންވަންތަކަން،" ވަޅަށް ގުދުވެ އޮތް އާދަނު ބުންޏެވެ. "ކަލޭފާނު ބުނުއްވި ދޮންކަމަނައަކީ ލާނެތް ކުއްޖެކޭ! ތިހާ ލާނެތްވާނެ ކަމަކަށް ހިޔެއް ނުކުރަން. ދޭބަލަ ކޮށާވަޅި ހިފައިގެން އަންނަން."
ދޮންކަމަނަ ހެމުންހެމުން ނުކުތެވެ. މަޖަލަކަށް ނަމަވެސް، ދޮންކަމަނަ ބުނި އެއްޗަކާ މެދު އާދަނަށް ވެސް ވިސްނުނެވެ. ދޮންކަމަނައާ އިނުން ތަންކޮޅެއް ލަސްކޮށްލެވުނު ނަމަ، އެހެން ގޮތަކަށް ކަންކަން ހިނގައި ދިޔުމަކީ ވެދާނެ ކަމެކެވެ.
ދޮންކަމަނައަށް ކައްކަން އެނގެއެވެ. ހެނދުނު ސަޔަށް ހުރީ ބަނަހާއި މުގުރިހައެވެ. ދޮންކޭލާއި ކުކުޅުބިހެވެ. ހޫނު މުގުރިހަ ތަށްޓަށް އަޅައިގެން ދޮންކަމަނަ އައިސް މޭޒު ކައިރީގައި އިށީނެވެ.
"ތި ހެދުން ވެސް ދޮންކަމަނައާ ހާދަ ގުޅެއޭ!" އާދަނު ބުންޏެވެ.
ދޮންކަމަނަ ލައިގެން ހުރީ ފާސްކުރި ހެދުންތަކުގެ ތެރެއިން ހެދުމެކެވެ.
"އަހަރެން ކޮންމެ ހެދުމެއް ލައިގެން ހުއްޓަސް އާދަނަށް ރީތިވާނެ،" ދޮންކަމަނަ ބުންޏެވެ. "އާދަނަށް ފެންނަނީ އަހަންނެއް ނޫންވިއްޔަ. އަޅެ ބުނެބަލަ! ހަފީޒާއާ އަހަރެން ވައްތަރުވީމަތަ އަހަންނާ އިނީ؟"
"ތެދަށް ބުނަން؟ ކަލޭފާނު ބުނުއްވީމަ އިނީ،" ތަށްޓަށް ރިހަ އަޅަމުން އާދަނު ބުންޏެވެ. "ހަފީޒާޔާ ދޮންކަމަނަ އެއްގޮތަކަށް ވެސް ވައްތަރެއް ނޫނޭ ބުނެފިއްޔާ އެ ވާނީ ދޮގަކަށް. އެކަމަކު، ފާސްކުރި ހުރިހާ ހެދުމެއް ވެސް އަހަންނަށް ވަރަށް ނަލަ. އެނގޭތަ؟ ބޮޑުދަހަރާގޭގަ ހެދުން ފާސްކުރުމުގެ މަސައްކަތް ހިނގީ. އެއީ އަވަށުވެރިގެއެއް. އަވަށުވެރިއަކަށް ހުންނަވަނީ އުތުރުމަނިއްޕުޅު. ފަރީދުއާ ހަމީދު ވެސް އެ ގެއަށް ވަޑައިގަންނަވާނެ. ހެދުން ކުރެއްސެވުމުގަ އުޅުއްވި ބޮޑުބައިސާ ޢަލީވަހީދުއާ މަނިއްޕުޅު ޢަލިދީދީ ވެސް. އަހަރެން އެ ކަހަލަ ހުރިހާ ތަނަކަށް ވަންނަމޭ! އެއްދުވަހަކު ހަފީޒާއާ ވެސް ދިމާވި. އެކަކަށް ވެސް ނުކެރުނު ވާހަކަ ދައްކާކަށް. އެއީ ދެރަވި ދުވަހެއް. ދޮންކަމަނަ ދެރަވޭތަ މި ހެން ބުނީމަ؟"
"ކޮންމެ މީހެއްގެ ވެސް މާޒީއެއް އޮންނާނެ،" ގަދަކަމުން ހިނިއައިސްފައި ދޮންކަމަނަ ބުންޏެވެ. "އަހަރެންގެ ވެސް އޮންނާނެ. އަހަރެން އެންމެ ދެރަވާ ކަންތައް ބުނަން؟ ދޮގު ހެދުން. ކަންކަން ސިއްރުކުރުން. އަހަރެންނަށް ދަސްވީ ފިރިހެނުން ދޮގު ހަދާނެކަން. ކަންކަން ސިއްރު ކުރާނެކަން. އާދަނު ޖެހޭނީ މީ ދޮގެއްކަން ސާބިތުކޮށްދޭން."
ދޮންކަމަނައާ ބެހޭ ގޮތުން ކުރިން ނޭނގޭ ކަންކަން އާދަނަށް އެނގެން ފެށިއެވެ.
"ސާބިތުކޮށްދޭނަން،" އާދަނު އެއްބަސްވިއެވެ. "އެކަމަކު ދޮންކަމަނަ އަހަންނަށް ޝައްކު ނުކުރައްޗޭ!"
"އަހަންނެއް ނުކުރާނަން،" ދޮންކަމަނަ ދިނީ ވަރަށް އެހެން ކަހަލަ ޖަވާބެކެވެ. "ހިތް މައްސަލައަކީ. އަހަރެންގެ އޮންނަނީ ހާދަ ބޯހަރު ހިތެކޭ! އެނގޭތަ؟ އަހަރެން ނިދިޔަސް ހިތް އޮންނާނެ ހޭލާ! ވަރަށް ޝައްކުބަލި ބޮޑުވާނެ." (ނުނިމޭ)