ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާން، ސޯޝަލް މީޑިއާ އިންފްލުއެންސަރަކަށް ގާނޫނީ އިންޒާރެއް ހިމެނޭ ނޯޓިސްއެއް ފޮނުވާފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ފެތުރެމުންދާ ޚަބަރުތައް އޭނާގެ ގާނޫނީ ޓީމުން އިއްޔެ ދޮގުކޮށްފި އެވެ.
އިންޑިއާގެ މަހުޖަނު އަނަންތު އަމްބާނީ އާއި ރޫހާނީ ލީޑަރު ސަދްގުރޫ އަދި ޝާހުގެ ދެމެދުގައި ހިނގި މުއާމަލާތެއް ދައްކުވައިދޭ ވީޑިއޯއެއް (ރީލްއެއް) އިންސްޓަގްރާމްގައި ހިއްސާކުރި ކޮންޓެންޓް ކްރިއޭޓަރެއް ކަމަށްވާ ސުވިގްޔާ ޝަރުމާއަށް ޝާހުގެ ފަރާތުން ގާނޫނީ ނޯޓިސްއެއް ފޮނުވާފައިވާ ކަމަށް ބުނެ މި ހަފުތާގައި ވަނީ އަޑުތައް ފެތުރިފަ އެވެ.
އެ ވީޑިއޯއަކީ ޝާހުގެ އަބުރަށް ހުތުރުވާ ގޮތަށް ހަދާފައިވާ ވީޑިއޯއެއް ކަމަށް ބުނެ، 48 ގަޑިއިރުގެ ތެރޭގައި އެ ޕޯސްޓް ޑިލީޓްކުރުމަށް ނޯޓިސްގައި އަންގާފައިވާ ކަމަށް ބައެއް ނޫސްތަކުގެ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.
ނަމަވެސް، ޝާހުގެ ގާނޫނީ ވަކީލުންގެ ޓީމު ކަމަށްވާ "ހިރާނީ އެންޑް އެސޯސިއޭޓްސް" އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ގާނޫނީ ނޯޓިސްގެ ކޮޕީއަކީ ޝާހު ނުވަތަ އޭނާގެ ފަރާތުން އެއްވެސް ވަކީލަކު ފޮނުވާފައިވާ ލިޔުމެއް ނޫން ކަމަށެވެ.
އެ ލޯ ފާމުން ވަނީ މީޑިއާތަކުން ޚަބަރުތައް ޝާއިއުކުރުމުގެ ކުރިން މައުލޫމާތުގެ ތެދުދޮގު ޔަގީންކުރުމަށް އިލްތިމާސްކޮށް، ޝާހުގެ ނަމާ ގުޅުވައިގެން ޝާއިއުކޮށްފައިވާ އެފަދަ ދޮގު ރިޕޯޓުތައް ނެގުމަށް ވެސް އެދިފަ އެވެ.
މި މައްސަލަ ފެންމަތިވެފައި ވަނީ ސިއްދާތު އާނަންދު ޑައިރެކްޓްކޮށް، ޝާހު އާއި އޭނާގެ ދަރިފުޅު ސުހާނާ ޚާން އެކުގައި ފެންނާނެ ބޮޑު އެކްޝަން ފިލްމު "ކިންގް" އަންނަ މަހުގެ 24 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވުމަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.