އިންޑިއާގައި ޕާކިސްތާނުގެ ޑްރާމާތަކާއި ފަންނާނުން މަނާކުރުމަށް ގޮވާލާ އަޑުތައް އަނެއްކާވެސް ގަދަވެފައިވާ ދަނޑިވަޅެއްގައި، އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޔޯ ޔޯ ހަނީ ސިންގް އާއި ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ދުބާއީގައި ބޭއްވި ކައިވެނި ހަފުލާއެއްގައި އެކުގައި ނަށާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެ އެވެ. 

ދެ ލަވަކިޔުންތެރިންގެ ގާތް ރަހުމަތްތެރިއެއްގެ ކައިވެނި ހަފުލާ ހޯސްޓްކުރި ސާދިގް ސަލީމް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްރާރުލް ހައްގުގެ ލަވަތަކަށް ހަނީ ސިންގް އާއި އާތިފް ވަނީ ވަރަށް ފޯރިއާ އެކު ނަށައިފަ އެވެ.

ސާދިގް ލިޔެފައިވާ ގޮތުގައި، ހަނީ ސިންގް ހަފުލާއަށް ދިޔައީ އޭނާގެ އާންމު ސްޓައިލްގަ އެވެ. އަދި އާތިފް އަސްލަމް ވެސް އޭނާގެ ކޮންސަޓްގެ ފަރިތަކުރުންތައް ނިންމާލުމަށް ފަހު ސީދާ އެ ހަފުލާގައި ބައިވެރިވި އެވެ.

މި ވީޑިއޯއާ އެކު ސާދިގް ހިއްސާކުރި ޕޯސްޓުގައި، އިންޑިއާގައި ޕާކިސްތާނުގެ އުފެއްދުންތައް މަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ނުސީދާކޮށް އިޝާރާތްކޮށް ބުނެފައި ވަނީ، ޕާކިސްތާނުގެ ނެޓްފްލިކްސް ސީރީޒެއް އިންޑިއާގައި ދެއްކުން ހުއްޓުވުމަށް ޝަކުވާ ހުށަހަޅަމުންދާ ވަގުތެއްގައި، އެމީހުން ދުބާއީގައި ފާހަގަކުރަމުންދަނީ މިއުޒިކާއި ރަހުމަތްތެރިކަމާއި އުފާވެރި ވަގުތުތަކެއް ކަމަށެވެ. އަދި މިފަދަ މަންޒަރުތައް ފެންނާނީ ހަމައެކަނި ދުބާއީން ކަމަށް ވެސް އޭނާ ބުންޏެވެ. 

ހަނީ ސިންގް އާއި އާތިފްގެ މި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ އަންނަ މަހު ނެޓްފްލިކްސް އިން ރިލީޒްކުރާ ޕާކިސްތާނުގެ ފުރަތަމަ އޮރިޖިނަލް ސީރީޒް "ޖޯ ބަޗޭ ހޭން ސަންގް ސަމޭޓް ލޯ" އިންޑިއާގައި މަނާކުރުމަށް އޯލް އިންޑިއާ ސިނޭ ވޯކާސް އެސޯސިއޭޝަނުން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ގޮވާލާފައިވާ ދަނޑިވަޅެއްގަ އެވެ.

މީގެ އިތުރުން ދާދިފަހުން ބެންގަލޫރުގައި ބާއްވަން އުޅުނު ޕާކިސްތާނު ޑްރާމާ "ދަރް-އެ-ނިޖާތު"ގެ ޕްރައިވެޓް ސްކްރީނިންގްތަކެއް ވެސް އާންމުންގެ ނުރުހުމާ ހެދި ވަނީ ކެންސަލްކޮށްފަ އެވެ.