ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ ކާމިޔާބު ތުރިލާ ފިލްމު "ދުރިޝްޔަމް: ދަ ކޮންކްލޫޝަން" ސިނަމާތަކުގައި ދެއްކުމަށް ފަހު، އަންނަ ހުކުރު ދުވަހުން ފެށިގެން ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށަން ނިންމައިފި އެވެ.

އަބީޝެކް ޕާޓަކް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސިނަމާތަކުގައި އަޅުވާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އެވެ.

ގާތްގަނޑަކަށް 110 ކުރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި އެ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 589 ކުރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ. އޭގެ ތެރޭގައި އިންޑިއާ އިން ލިބުނު 381 ކުރޯޑް ރުޕީސްގެ ނެޓް އާމްދަނީ އާއި އެހެން ގައުމުތަކުން ލިބުނު 133.20 ކުރޯޑް ރުޕީސް ހިމެނެ އެވެ.

އެ ކާމިޔާބީއާ އެކު، މި ފިލްމު ވެފައި ވަނީ ބޮލީވުޑްގެ ފްރެންޗައިޒްއެއްގެ ތިންވަނަ ބަޔަކަށް މިހާތަނަށް އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމަށެވެ.

މި ފިލްމުގައި އަޖޭ އަނެއްކާވެސް ފެންނަނީ އޭނާގެ އާއިލާ ސަލާމަތްކުރުމަށް ކޮންމެ ފަދަ ކަމެއް ވެސް ކުރަން ތައްޔާރަށް ހުންނަ ވިޖޭ ސަލްގާއޯންކަރުގެ ރޯލުންނެވެ.

އަޖޭގެ އިތުރުން ތާބޫ، ޝްރިޔާ ސަރަން، އިޝިތާ ދައްތާ އަދި ރަޖަތު ކަޕޫރު ކަހަލަ ކުރީގެ ތަރިންގެ އިތުރުން، އަލަށް ގުޅުނު ޖައިދީޕް އަހްލާވަތު އަދި ޕްރަކާޝް ރާޖްގެ މޮޅު އެކްޓިން މި ފިލްމުން ފެނުނެވެ.