ޕާކިސްތާނުގެ އެންމެ މަގުބޫލު ތަރިން ހިމަނައިގެން އުފައްދާފައިވާ އެ ގައުމުގެ ފުރަތަމަ ނެޓްފްލިކްސް އޮރިޖިނަލް ސީރީޒް "ޖޯ ބަޗޭ ހޭން ސަންގް ސަމޭޓް ލޯ" އަންނަ މަހު ހަތަރަކުން ފެށިގެން ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.
ނެޓްފްލިކްސް އިން މި ޚަބަރު އިއުލާންކޮށް އެ ސީރީޒްގެ ފުރަތަމަ ޕޯސްޓަރު އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
ޕޯސްޓަރުގައި ޖަހާފައިވާ ޓެގްލައިންގައި ވަނީ "ތިން ޖީލު، ލޯބީގެ ހަ ވާހަކަ، އަދި އެންމެ ސުވާލެއް: އަހަރެމެންގެ ހިތްތަކުގައިވާ ލޯބި ފުދޭ ހެއްޔެވެ؟" މިހެންނެވެ.
މިދިޔަ އަހަރު ރިލީޒްކުރަން ތާވަލުކުރި ނަމަވެސް ޕްރޮޑަކްޝަންގެ ބައެއް ސަބަބުތަކާ ހުރެ މި ސީރީޒް މި އަހަރަށް ފަަސްކުރީ އެވެ.
ޕާކިސްތާނުގެ ލިޔުންތެރިޔާ ފަރުހަތު އިޝްތިޔާގް 2009 ވަނަ އަހަރު ލިޔުނު ކާމިޔާބު އުރުދޫ ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ސީރީޒަކީ ހަމް ޓީވީ އާއި މޯމިނާ ދުރައިދު ފިލްމްސް އަދި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ސީރީޒެކެވެ.
ވާހަކައިގެ މުސައްނިފު ފަރުހަތު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ދިގު އިންތިޒާރަކަށް ފަހު ސީރީޒްގެ ފުރަތަމަ ޕޯސްޓަރު މިހާރު އާންމުކޮށްފައިވާ ކަމަށާއި މިއީ ޕާކިސްތާނުގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މި ސީރީޒްގެ ވާހަކަ ބިނާވެފައި ވަނީ ދިރިއުޅުމުގައި ދިމާވި ހިތާމަވެރި ހާދިސާއަކަށް ފަހު އެހެން މީހުންނާ ދުރުހެލިވެގެން އުޅޭ ހާވާޑް ލޯ ސްޓޫޑެންޓެއް ކަމަށްވާ ސިކަންދަރާއި އިޓަލީން އޭނާއާ ބައްދަލުވާ ހުނަރުވެރި އާޓިސްޓެއް ކަމަށްވާ ލީޒާގެ ދެމެދުގައި އުފެދޭ ލޯތްބާއި ގުޅުމުގެ މައްޗަށެވެ.
ޕާކިސްތާނުގެ އިތުރުން އިޓަލީ އާއި އިނގިރޭސިވިލާތުގެ ހިތްގައިމު މަންޒިލްތަކުގައި މި ސީރީޒްގެ މަންޒަރުތައް ވަނީ ނަގައިފަ އެވެ.
ބެލުންތެރިންގެ މެދުގައި އެންމެ ބޮޑު ޝައުގުވެރިކަމެއް އުފެދިފައި ވަނީ މި ސީރީޒްގައި ހިމެނޭ ވަރުގަދަ ކާސްޓުންގެ ސަބަބުންނެވެ.
މި ސީރީޒްގެ ކާސްޓުގައި ފަވާދު ޚާން، މާހިރާ ޚާން، ސަނަމް ސައީދު، އަހަދު ރަޒާ މީރު، އިގްރާ އަޒީޒް، ހާނިއާ އާމިރު، ހަމްޒާ އަލީ އައްބާސީ، މާޔާ އަލީ އަދި ބިލާލް އަޝްރަފް ކަހަލަ ޕާކިސްތާނުގެ އެންމެ މަޝްހޫރު ތަރިން ހިމެނެ އެވެ.
މިއީ "ދަ ލެޖެންޑް އޮފް މައުލާ ޖަޓް" އަށް ފަހު ފަވާދު އާއި މާހިރާ އަދި ހަމްޒާ އެކުގައި ފެންނާނެ ފުރަތަމަ ފަހަރު ވެސް މެ އެވެ.