ނުވަދިހައިގެ އަހަރުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލު ކަމެއް ހޯދި މަޝްހޫރު ފިލްމު "ހޯމް އެލޯން"ގެ ފުރަތަމަ ފިލްމު ނުކުތްތާ 36 އަހަރު ފަހުން، އެ ފިލްމުގެ ލީޑް ކެރެކްޓާ ކެވިން މެކަލިސްޓާގެ ރޯލުން އެކްޓަރު މެކޯލޭ ކަލްކިން އަލުން އެނބުރި އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
ހޮލީވުޑްގެ ރިޕޯޓުތައް ބުނި ގޮތުގައި، ޑިޒްނީން އަންނަނީ "ހޯމް އެލޯން"ގެ އާ ސީކުއެލްއެއް އުފެއްދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި އެ ފިލްމުގެ ސްކްރިޕްޓް ލިޔެ ޕްރޮޑިއުސްކުރުމަށް ހަމަޖެހިފައި ވަނީ މަޝްހޫރު ޕްރޮޑިއުސަރުން އަދި ލިޔުންތެރިން ކަމަށްވާ ސެތު ރޯގެން އާއި އީވާން ގޯލްޑްބާގްގެ ޕްރޮޑަކްޝަން ކުންފުނި "ޕޮއިންޓް ގްރޭ" އިންނެވެ.
އެކަމާ ގުޅޭ ގޮތުން ޑިޒްނީން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، ކަލްކިން އާއި ރޯގެން އަދި ގޯލްޑްބާގް ގުޅިގެން މި ފިލްމުގެ ވާހަކަ ލިޔުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އަމިއްލަ ދިރިއުޅުމުގައި ވެސް މިހާރު ބައްޕައަކަށް ވެފައިވާ ކަލްކިން، މި އާ ފިލްމަށް ހުށަހަޅާފައި ވަނީ ބައްޕައެއްގެ ނަޒަރުން ގެނެސްދޭ ތަފާތު ވާހަކައެކެވެ.
މީގެ ކުރިން ކަލްކިން ހިއްސާކޮށްފައިވާ ހިޔާލެއްގައިވާ ގޮތުން، މި ފިލްމުގައި ފެންނާނީ ބޮޑުވެ، ޒިންމާދާރު ބައްޕައަކަށް ވެފައިވާ ކެވިން، އޭނާގެ އަމިއްލަ ދަރިފުޅު ބަލައިބޮޑުކުރަމުން އަންނަ މަންޒަރެވެ. އަދި ފުރަތަމަ ފިލްމާ މުޅިން އިދިކޮޅަށް، މިފަހަރު ކެވިން އަމިއްލަ ގެއިން ބޭރުގައި ތާށިވެ، އޭނާ ގޭތެރެއަށް ވަނަނުދިނުމަށް އޭނާގެ ދަރިފުޅު ގޭތެރޭގައި އެކި ކަހަލަ ދަންތުރަތައް ޖަހާ މަންޒަރު ފެންނާނެ ކަމަށް ބެލެވެ އެވެ.
ކްރިސް ކޮލަމްބަސް ޑައިރެކްޓްކުރި "ހޯމް އެލޯން (1990)" އާއި އޭގެ ދެވަނަ ބައި "ހޯމް އެލޯން 2: ލޮސްޓް އިން ނިއު ޔޯކް (1992)" އަށް ފަހު، މި ފްރެންޗައިޒްގެ އިތުރު ހަތަރު ފިލްމެއް ނުކުތް ނަމަވެސް އޭގެ ތެރެއިން އެއްވެސް ފިލްމެއްގައި ކަލްކިން ބައިވެރިވެފައެއް ނުވެ އެވެ.