ބޮލީވުޑްގެ ތަރިން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ ކައިވެންޏަކީ "ހަމަހަމަކަމެއް ނެތް" ކައިވެންޏެއް ކަމަށާއި އާލިއާ އެ ގުޅުމުގައި އުޅެނީ ހިތްދަތިކަމުގައި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް އާލިއާ ވަރުގަދަ ރައްދެއް ދީފި އެވެ.
"ޓައިމް" މަޖައްލާގެ "ޓައިމް100 ނެކްސްޓް އިންޑިއާ" ލިސްޓާ ގުޅިގެން ދިން އިންޓަވިއުއެއްގައި އާލިއާ ބުނީ، އަންހެނުންނަކީ އަމިއްލަ ވިސްނުމާއި އިހުސާސްތައް ދަންނަ ބަޔަކަށް ވުމަށް އޭނާ އަބަދުވެސް ވަކާލާތުކުރާ ކަމަށެވެ.
އެހެންކަމުން، ހީއެއްގެ މައްޗަށް ބިނާކޮށް އޭނާއަކީ ވޭންތަކެއް ތަހައްމަލު ކުރަމުންދާ މީހެއްގެ ގޮތުގައި ސިފަކުރުމަކީ އޭނާގެ ނަފްސަށް އިހުތިރާމް ކުޑަކުރުން ކަމަށް އާލިއާ ބުންޏެވެ.
އާލިއާ ބުނި ގޮތުގައި، އެ ދެމަފިރިންގެ ގުޅުމަށް އާންމުން ފާޑުކިޔަމުންދަނީ ކައިވެންޏާ މެދު މުޖުތަމައުގައި އޮންނަ ޒަމާންވީ ބޯދާ ވިސްނުންތަކާ އެމީހުންގެ ދިރިއުޅުން ދިމާނުވާތީ އެވެ.
ކޮންމެ ގުޅުމެއްގެ ވެސް އެންމެ މުހިންމު ބިންގަލަކީ، ވަކި ކަމަކާ ނުލައި ވިޔަސް، ބައިވެރިޔާގެ ފަރާތުން އަޅާލުމާއި އޯގާތެރިކަމާއި ސަމާލުކަން ލިބުން ކަމަށާއި އެއްވެސް އެއްޗެއް ނުބުނި ނަމަވެސް އަމިއްލަ އިހުސާސްތައް ބައިވެރިޔާއަށް ދެނެގަނެވުން ކަމަށް އާލިއާ ބުންޏެވެ.
ރަންބީރުގެ ފަރާތުން އޭނާއަށް ފެންނަނީ އެ ސިފަތައް ކަމަށާއި، އެއީ އެ ދެމަފިރިންގެ ހަގީގަތް ކަމަށް އާލިއާ ބުންޏެވެ.
މީގެ ހަތަރު އަހަރު ކުރިން ކައިވެނިކޮށް، ދަރިފުޅު ރާހާ ލިބުމާ އެކު ސޯޝަލް މީޑިއާގައި އެ ދެމަފިރިންގެ ކައިވެންޏާ ގުޅޭ ބަހުސްތައް ފެށުނީ، ލިޕްސްޓިކް ފޮހެލަން ރަންބީރު ބުނާ ވާހަކަ އާއި ޒުވާބުކުރާއިރު އަޑުގަދަނުކުރަން ރަންބީރު އެދޭ ވާހަކަ އާލިއާ އިންޓަވިއުތަކުގައި ހިއްސާކުރުމާ ގުޅިގެންނެވެ.
ބައެއް މީހުން ރަންބީރަކީ އާލިއާ ކޮންޓްރޯލް ކުރާ މީހެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، އާލިއާ ވަނީ އެ ވާހަކަތައް ދޮގުކޮށް، އެ ދެމަފިރިން އުޅެނީ ވަރަށް އުފަލުގައި ކަމަށް ބުނެފަ އެވެ.
އާލިއާ އާއި ރަންބީރު ދެން އެކުގައި ފެންނާނީ ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރާ ބޮޑު ފިލްމު "ލަވް އެންޑް ވޯ" އިންނެވެ. ވިކީ ކޯޝަލް ވެސް މުހިންމު ރޯލެއް ކުޅޭ އެ ފިލްމު ސިނަމާތަކަށް އަންނަނީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ.