ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ހިލާފުވި ތިން ކުންފުންޏެއް ޖޫރިމަނާކޮށް، އެތަންތަނުގެ ލައިސަންސް މަރުކަޒީ ބޭންކުން މިއަދު ހިފަހައްޓައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ބަޔާނެއްގައިވަނީ ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ހިލާފުވުމުގެ ސަބަބުން ޖޫރިމަނާކޮށް، ލައިސަންސް ހިފެހެއްޓީ އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ.
އެލްވީއާރު އައި މޭޑް މަނީ ކުންފުނި 250،000ރ. އިން ޖޫރިމަނާ ކުރިއިރު، މައިޒޯން ޖޫރިމަނާކުރީ 500،000ރ. އިން ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި އެ ތިން ކުންފުނީގެ ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
ތިން ކުންފުންޏެއްގެ ލައިސަންސް ހިފަހައްޓައި، ޖޫރިމަނާ ކުރިއިރު ގަވާއިދާ ހިލާފަށް ބްލެކް މާކެޓްގައި ބޭރު ފައިސާ މާރުކުރާ ފަރާތްތައް ދެނެގަތުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.
ފައިސާ މާރުކުރާ ފަރާތްތަކުގެ މުއާމަލާތްތައް މޮނީޓާ ކުރުމުގެ މަސައްކަތް އޭގެ ތެރޭގައި ހިމެނެ އެވެ. އަދި ގަވާއިދާ ހިލާފްވި ބައެއް ފަރާތްތަކަށް މީގެކުރިން ވެސް ފިޔަވަޅު އަޅާފައިވެ އެވެ.