އެއާޕޯޓުތައް ހިންގާ ސަރުކާރުގެ ކުންފުނި، އެމްއޭސީއެލްގެ މުވައްޒަފުންނަށް މި އަހަރުގެ އަހަރީ ބޯނަސް ދޭން އެ ކުންފުނީގެ އަހަރީ އާންމު ބައްދަލުވުމުގައި މިއަދު ނިންމައިފި އެވެ.
ހެނދުނު ބޭއްވި އޭޖީއެމްގައި އެގޮތަށް ނިންމި ނަމަވެސް މުވައްޒަފުންނަށް ދޭން ނިންމި އަހަރީ ބޯނަސްގެ އަދަދެއް އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅެއް ނުވެ އެވެ.
"ރަނގަޅު ވާނެ،" ބޯނަސްގެ އަދަދާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، 5،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް ވެސް އަހަރީ ބޯނަސް ދޭން އެ ކުންފުނީގެ ބޯޑުން ކުރިން ވެސް އޮތީ ނިންމައިފަ އެވެ. އެކަމަކު، އޭޖީއެމުން ވެސް އެކަން މިއަދު ފާސްކުރީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގެ މައި އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ދިނީ 25،000ރ. އެވެ. އެއީ މިދިޔަ ހަތަރު އަހަރު ވެސް މުވައްޒަފުންނަށް ދޫކުރި އަދަދެވެ.
އެކަމަކު، ދައުލަތަށް އެންމެ ބޮޑު އާމްދަނީއެެއް ވައްދާ ކުންފުނިން މި އަހަރު ބޯނަސް ދޭ އުސޫލާއި ދޭ އަދަދު އަދި ސާފެއް ނޫނެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ބޯނަސް ފައިސާ ދޫކުރާއިރު މުވައްޒަފުންގެ ޕާފޯމަންސަށާއި ވަޒީފާ އަދާކުރަން ފެށި ތާރީހަށް ބަލާނެ ކަމަށް އެނގިފައި ވެ އެވެ.