އިޖުތިމާއީ ޒިންމާ (ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ)ގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި ކުރަމުންދާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް، އެމްވީ ޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސްގައި 'ކޯޕަރޭޓް ޗޭންޖްމޭކާސް' އެވޯޑް ދިރާގު އަށް ދީފި އެވެ. 

އެމްވީޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސްގެ "ކޯޕަރޭޓް ޗޭންޖްމޭކާސް" އެވޯޑަކީ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ އަށް މުހިންމު އަހައްމިއްޔަތުކަމެއްދީ މުޖުތަމައުތަކަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ އަގުވަޒަންކުރުމަށްދޭ އެވޯޑެކެވެ.

ދިރާގުން ބުނި ގޮތުގައި މި އަހަރު މި އެވޯޑް ދިނުމުގައި ގައިންގަޔަށް ނާރާ ބަލިތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މައްޗަށް ވަނީ ހާއްސަ އަހައްމިއްޔަތުކަމެއް ދީފަ އެވެ. 

އެގޮތުން، ދިރާގުގެ އަގު ވަޒަންކޮށް މި އެވޯޑް ދީފައިވަނީ ކެންސާ ސޮސައިޓީއޮފް މޯލްޑިވްސް، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އަދި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ފަދަ މަދަނީ ޖަމިއްޔާތަކަށް ދިރާގުން މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމުގެ އިތުރުން، ފުޅާ ދާއިރާއެއްގައި ޝާމިލު މުޖުތަމައުއެއް ބިނާކުރުމަށާއި ތިމާވެށި ހިމާއަތްކޮށް ރައްކާތެރިކުރުމަށް ދިރާގުން ކުރަމުން އަންނަ މަސައްކަތްތަކަށެވެ.  

ދިރާގުގެ އިޖުތިމާއީ ޒިންމާ ޕްރޮގްރާމްތަކުގައި ޑިޖިޓަލް އިންކްލޫޝަން، އަންހެނުން އަދި ޒުވާނުން ބާރުވެރިކުރުވުމުގެ އިތުރުން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ތިމާވެށި ހިމާޔަތްކުރުމަށް ހާއްސަ އަހައްމިއްޔަތުކެމެއް ދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.  

ދިރާގުން ބުނީ މުޖުތަމައުއަށް މުހިންމު މިފަދަ ކަންކަމުގައި ވިޔަފާރިތަކުން އިސްނަގައިގެން އެހީތެރިވެދެވިދާނެ ގޮތްތައް ދައްކުވައިދީ، ޝާމިލު މުޖުތަމައުއެއް އޮތް ދެމެހެއްޓެނިވި ރާއްޖެއެއް ބިނާކުރުމުގައި މުހިންމު ދައުރެއް އެ ކުންފުނިން އަދާކުރާނެ ކަމަށެވެ.