މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ކަސްޓަމަރުންނަށް ހިލޭ ފައިސާވެއާ ޓެގް ލިބޭ ކެމްޕެއިނެއް މިއަދު ފަށައިފަި އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ 25 ގެ ނިޔަލަށް ކުރިއަށް ގެންދާ "ކަނޑާލާ ޓެގް" ކެމްޕޭނުގެ މަގްސަދަކީ އެމްއައިބީއިން ބުނި ގޮތުގައި، ކޭޝް ކާޑު ގެންގުޅުމަކާ ނުލައި، ފޯނު ނުވަތަ ވޮލެޓްގައި ހަރުކޮށްލެވޭ ލުއި ފައިސާވެއާ ޓެގްގެ އެހީގައި ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކުމުގެ ފަސޭހަކަން ކަސްޓަމަރުންނަށް ތަޖުރިބާ ކޮށްދިނުމަށެވެ.

މި ކެމްޕޭނުގެ ދަށުން، އެޕްލިކޭޝަން ފީއިން 300ރ. އަދި އަހަރީ ފީއިން 200ރ. މާފުކޮށްދޭނެ އެވެ. އަދި ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އެއް ޓެގް ހިލޭ ދޫކުރާނެ ކަމަށް އެމްއައިބީއިން ބުންޏެވެ.

ނަމަވެސް އެ ބޭންކުން ބުނި ގޮތުގައި، އެ ފީތައް މާފުކޮށްދޭނީ ޓެގް ދޫކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި އެ ޓެގުން މަދުވެގެން އެއް މުއާމަލާތް ކުރުމުންނެވެ. އެ މުއްދަތުގައި އެއްވެސް މުއާމަލާތެއް ނުކޮށްފި ނަމަ ފުރަތަމަ އަހަރުގެ ފީތައް ކަސްޓަމަރުގެ އަތުން ނަގާނެ އެވެ.

މި ކެމްޕެއިން ކުރިއަށް ގެންދާ މުއްދަތުގައި އެމްއައިބީއިން ބަލާ ކަންތައްތަކުގެ ތެރޭގައި އެ ބޭންކުގެ އެކައުންޓް ކަސްޓަމަރު ބަރާބަރަށް އޮޕަރޭޓް ކުރުން ހިމެނެ އެވެ. އަދި ފައިސާ ވެއާ ޓެގް ދޫކުރާނީ އެމްއައިބީގައި އެ މީހެއްގެ ފާފޯމަންސަށް ބެލުމަށް ފަހު އެވެ. 

މިފަދަ ކެމްޕޭންތަކުގައި، މަސައްކަތް ކުރަނީ ޒަމާނީ ޑިޖިޓަލް ޕޭމަންޓް ހިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުންގެ ދުވަހުން ދުވަހަށް ކުރާ މުއާމަލާތްތަކަށް އިތުރު ލުއިފަސޭހަކަން ގެނެސްދިނުމަށް ކަމަށް އެމްއައިބީއިން ބުންޏެވެ.