މަގު ހެދުމުގެ މަޝްރޫއުތައް ހިންގަން، އަންނަ އަހަރުގެ ބަޖެޓުގައި 1.3 ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން މަގު ހެދުމާ ގުޅޭ ދެ ކަމަކަށް ވަކިން ބަޖެޓް ކަނޑައަޅާފައިވެ އެވެ. އެއް ކަމަކީ ބްރިޖާއި ޓަނަލް އެޅުމެވެ. އެ މަޝްރޫއުތަކަށް 978.5 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ. އަދި މަގުތަކާއި ހައިވޭތައް އެޅުމަށް ބަޖެޓުގައި 349.4 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
އަންނަ އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ޖުމްލަ 8.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އެފަދަ މަޝްރޫއުތައް ހިންގަނީ 10 ދާއިރާއަކަށް ބަހާލައިގެންނެވެ.
މަޝްރޫއުތައް ހިންގާ ދާއިރާތައް އެނގެން އޮތް ނަމަވެސް، ހިންގާ ވަކިވަކި މަޝްރޫއުތަކުގެ ތަފްސީލެއް ބަޖެޓުގައި ނެތެވެ.
ޕީއެސްއައިޕީ މަޝްރޫއުތައް ބެހިފައިވާ 10 ދާއިރާގެ ތެރެއިން 37 ޕަސެންޓް ހާއްސަކޮށްފައިވަނީ ސިނާއީ ކުރިއެރުމަށް ކުރާ ހޭދައަށެވެ. މަގުހެދުމާއި ހައިވޭ އާއި ބްރިޖް އެޅުމުގެ ކަންކަން ހިމެނެނީ އެ ދާއިރާގަ އެވެ. ސިނާއީ ކުރިއެރުމަށް ކުރާ ހޭދައިގެ އެންމެ ބޮޑު ބަޖެޓެއް ހިމަނާފައިވަނީ މަގު ހެދުމާ ގުޅޭ މަޝްރޫއުތަކަށެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާގެ މަރުހަލާ ނިންމައި، މިހާރު ވަނީ ކޮމިޓީން ފާސްކޮށްފަ އެވެ. އެ ބަޖެޓުން 52.6 ބިލިއަން ރުފިޔާ ހަރަދަށް ވަނީ ކަނޑައަޅައިފަ އެވެ.