އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް 2.7 ބިލިއަން ރުފިޔާ (175 މިލިއަން ޑޮލަރު) ސުކޫކެއް ނުވަތަ ބޮންޑެއް ބޭރުގެ މާކެޓުގައި ވިއްކަން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އަންނަ އަހަރުގެ ބަޖެޓުގެ ތަފްސީލުތަކުން އެނގޭ ގޮތުން އެ އަހަރުގެ ބަޖެޓަށް ފައިނޭންސިންގެ 14 ޕަސެންޓް ހޯދަން ކަނޑައަޅާފައިވަނީ ބޭރުގެ މާކެޓަށް ގޮސްގެން ބޮންޑެއް ނުވަތަ ސުކޫކެއް އިޝޫ ކޮށްގެންނެވެ.
ބޮންޑާއި ސުކޫކަކީ ވެސް ބޭނުންވާ ފައިސާ ހޯދުމަށް ވިއްކާ މާލީ ސެކިއުރިޓީޒް އެވެ. ނަމަވެސް އެ ދެ އިންސްޓްރޫމެންޓްގެ އަސާސީ އޮނިގަނޑާއި ހަމަތަކާއި ފައިދާ ލިބޭ ގޮތުގައި ތަފާތުތަކެއް ހުރެ އެވެ.
ބޭރުގެ މާކެޓަށް ގޮސް ސުކޫކެއް ނުވަތަ ބޮންޑެއް އިޝޫ ކުރަން އަންނަ އަހަރު ބަޖެޓުގައި ހިމަނާފައިވާ އިރު، މި އަހަރު ސަރުކާރުން ވަނީ 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކައި ހަލާސް ކޮށްފަ އެވެ. އެ ސުކޫކުގެ އަސްލު އަދަދާއި ކޫޕަން ފައިސާގެ ގޮތުގައި 524 މިލިއަން ޑޮލަރު ދައްކާފައިވެ އެވެ. އެ ދަރަނި އަދާކުރަން ޖެހުމުން، މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަންޏެއް އަދާކުރަން ޖެހުނު އަހަރެވެ. މި އަހަރު ދަރަނި އަދާކުރުމަށް ގާތްގަނޑަކަށް 26 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހުނެވެ.
އަންނަ އަހަރުގެ ބަޖެޓް ފައިނޭންސިންއަށް 18.9 ބިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ. އޭގެ ތެރެއިން 63 ޕަސެންޓް ހޯދަނީ ޑޮމެސްޓިކް މާކެޓު މެދުވެރިކޮށެވެ. އެއީ 11.9 ބިލިއަން ރުފިޔާ އެވެ. ޑޮމެސްޓިކް މާކެޓުގެ ބޮޑު ބަޔަކީ ޓީބިލް ވިއްކައިގެން ދައުލަތުން ހޯދާ ފައިސާ އެވެ.
އޭގެ އިތުރުން ބޭރުގެ މާލީ އިދާރާތައް މެދުވެރިކޮށް 4.3 ބިލިއަން ރުފިޔާ ހޯދުމަށް ވެސް ބަޖެޓުގައި ހިމަނާފައިވެ އެވެ. ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ޕާޓަނަރުން މެދުވެރިކޮށް ހޯދާ ފައިނޭންސިންގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޯދަނީ "ޕޮޓެންޝަލް ފައިނޭންސިން ޕާޓްނަރުން" މެދުވެރިކޮށެވެ. އެކަމަކު އެއީ ސީދާ ކޮން ބައެއް ކަމެއް ބަޖެޓުގައި ޖަހާފައެއް ނުވެ އެވެ. އެފަދަ ފަރާތްތަކުގެ އަތުން ދައުލަތަށް 1.8 ބިލިއަން ރުފިޔާ ހޯދާނެ ކަމަށް ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. މާލީ އިދާރާތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ހޯދަން ކަނޑައަޅާފައިވަނީ އިސްލާމިކް ޑިވަލޮޕްމެންޓް ބޭންކް (އައިޑީބީ) އާއި ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) މެދުވެރިކޮށެވެ. އައިޑީބީއިން 368 މިލިއަން ރުފިޔާ ހޯދަން ނިންމާފައިވާ އިރު އީއައިބީ މެދުވެރިކޮށް 324 މިލިއަން ރުފިޔާ ހޯދަން ހިމަނާފައިވެ އެވެ.
އަންނަ އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ލަފާކުރަނީ 161 ބިލިއަން ރުފިޔާގަ އެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 124 ޕަސެންޓެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓް ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފާސްކޮށްފަ އެވެ. އެކަމަކު، އެ ބަޖެޓަށް އަމަލުކުރެވޭނީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްގެންނެވެ.