ހއ. ދިއްދޫގައި މަރުކަޒީ ބޭންކު އެމްއެމްއޭއިން މިއަދު ބޭއްވި "ފިންލިޓް ކުޑަކުދިންގެ ހަވީރު" އަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ އިދާރާއިން ބުނެފި އެވެ.
އެމްއެމްއޭއިން ބުނީ 700 އަށް ވުރެ ގިނަ ކުދިން މި ހަރަކާތުގައި ބައިވެރިވި ކަމަށާއި އެ ކުދިންނަށް ތަފާތު ކުޅިވަރުގެ ހަރަކާތްތަކާއި އިނާމުތައް ދިން ކަމަށެވެ. އަދި ކުޑައިރުއްސުރެ ފައިސާ ގެންގުޅުމާއި ފަހަށް ރައްކާކުރުން ފަދަ މުހިންމު ކަންތައްތައް ކުދިންގެ ގައިގައި އަށަގެންނެވުމުގެ ގޮތުން މާލީގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ވެސް އެ ހަވީރުގައި ކުރިއަށް ގެންދިޔަ އެވެ.
އޭގެ އިތުރުން ރާއްޖޭގެ ފައިސާގެ ތާރީހު ދައްކައިދޭ ސްޓޯލަކާއެކު، ރަސްކަމުގެ ޒަމާނުއްސުރެ ރާއްޖޭގައި ބޭނުންކޮށްފައިވާ އެކިއެކި ފައިސާ ފޮއްޗާއި ފައިސާ ނޫޓުތަކުގެ މައުލޫމާތު ވެސް ކުޑަކުދިންގެ ހަވީރަށް ޒިޔާރަތްކުރި ފަރާތްތަކަށް ކިޔައިދިން ކަމަށް އެމްއެެމްއޭއިން ބުންޏެވެ.
އެ ހަރަކާތުގައި ބައިވެރިވި ކުދިންނަށް ގިފްޓް ކާޑު ހިމެނޭހެން ތަފާތު އިނާމުތައް ދިނެވެ. ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި ދިނީ އައިޕެޑެކެވެ.
ދިއްދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއެމްއޭއާއެކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ވެސް ބައިވެރިވި އެވެ. އެ ހަވީރު ބޭއްވީ ދިއްދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވެސް ބޮޑު އެއްބާރުލުމެއް ލިބިގެން ކަަމަށް ވެސް އެމްއެމްއޭއިން ބުނެ އެވެ.
ފިންލިޓް ކިޑްސް ކްލަބް ހައުސް ކުޑަކުދިންގެ ހަވީރު ދެން ބާއްވާނީ މާދަމާ ހއ. ވަށަފަރުގަ އެވެ. ފިންލިޓް ފެސްޓްގެ ދަށުން ހއ. ގެ ހަ ރަށެއްގައި މާލީ ހޭލުންތެރިކަމާ ބެހޭ ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.