ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމްސް ގިލްޑް އިން އިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް" (ޑީ.އެމް.ޖީ.ސީ)ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
މި އަހަރުގެ ޗެމްޕިއަންޝިޕްގައި ޖުމްލަ ފަސް ކުޅިވަރެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ވީޑިއޯ ގޭމްތަކާއި ޓޭބަލްޓޮޕް ބޯޑު ގޭމްތައް ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ.
މި މުބާރާތް ވަނީ އުމުރުން 12 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިފަ އެވެ. މީގެ ތެރެއިން އީއޭ ސްޕޯޓްސް އެފްސީ 27، ޓޭކެން 8 އަދި ކިލް ޓީމް ބްލިޓްޒްގައި އަންނަ ާއާދީއްތަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވެވޭނެ އެވެ. ކަޓާން އަދި ވޯހޭމަރު 40،000 ގައި ބައިވެރިވުމުގެ ފުރުސަތު، މުބާރާތް ނިމެންދެން ވަނީ ހުޅުވާލައިފަ އެވެ.
ވީޑިއޯ ގޭމްތަކުގެ ތެރެއިން ހިމެނޭ "އީއޭ ސްޕޯޓްސް އެފްސީ 27" ކުރިއަށްދާނީ 1v1 ނޮކައުޓް އުސޫލުންނެވެ. އަދި "ޓޭކެން 8" މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމާއެކު 1v1 ޑަބަލް އެލިމިނޭޝަން ފޯމެޓަށެވެ.
މީގެ އިތުރުން، އީއޭ ސްޕޯޓްސް އެފްސީ 27 މުބާރާތުން ވަނަވަނައަށްދާ ކުޅުންތެރިންނަށް 25،000އާ 27،000އާ ދެމެދު ފައިސާގެ އިނާމުތައް ވަނީ ކަނޑައަޅައިފަ އެވެ.
ދިރާގުން ބުނީ އީ-ސްޕޯޓްސް ގޭމްތަކުގެ އިތުރުން، މި އަހަރުގެ މުބާރާތުގައި ޓޭބަލްޓޮޕް ދެ ކުޅިވަރެއް ވެސް ތައާރަފްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 5،000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު ބާއްވާ "ކަޓާން" ބޯޑް ގޭމް މުބާރާތް ހިމެނެ އެވެ.
އަދި ދެ މީހުންގެ ޓީމުތަކުގެ މެދުގައި ވާދަކުރާ "ވޯހެމާ 40،000: ކިލް ޓީމް ބްލިޓްޒް" މުބާރާތް ވެސް ހިމެނެ އެވެ.