އަންނަ ހަފުތާގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވަން ހަމަޖެހިފައިވާ ވަރަ އެކްސްޕޯގެ ގޯލްޑް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖެހިއްޖެ އެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީން އިންތިޒާމުކުރާ މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ދިވެހި ޒުވާނުންނަށް ވަޒީފާގެ ދާއިރާތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ވަޒީފާގެ ފަރާތްތަކާ ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ބީއެމްއެލް އިން ވަނީ މިނިސްޓްރީއާ އެކު މިއަދު ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މި އެކްސްޕޯގައި ކެރިއާ ކައުންސެލިން ސެޝަންތަކާއި، މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ލިބިގެންދާނެ އެވެ.

މި އެކްސްޕޯގައި ބީއެމްއެލްގެ ފަރާތުން އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، އިންޓާންޝިޕް ޕްރޮގްރާމްތަކުގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމަށް ހިންގާ ތަމްރީނުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ އެވެ. މިއީ ޒުވާނުން ބާރުވެރިކުރުވުމަށާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޭންކުން ކޮށްދޭ ކަމެއްކަން އެ ކުންފުނިން ބުންޏެވެ.

އެކްސްޕޯ އޮންނާނީ މި މަހުގެ 26، 27 އަދި 28 ގަ އެވެ.