މަޝްހޫރު އޭއައި ޗެޓްބޮޓް "ކްލޯޑް" އުފެއްދި އެމެރިކާގެ ޓެކް ކުންފުނި، އެންތްރޯޕިކް އިން އެމެރިކާގެ ހިއްސާގެ ބާޒާރު ނަސްޑާކްގައި ހިއްސާ ވިއްކަން ފެށުމާ އެކު، އެ ކުންފުނީގެ ހަތް ފައުންޑަރުން މަލްޓި-ބިލިއަނަރުންނަށް ވެއްޖެ އެވެ.
ބުދަ ދުވަހު ހިއްސާއެއް 83 ޑޮލަރަށް އަގުކޮށްގެން ފެށި މި އައިޕީއޯގެ ފުރަތަމަ ދުވަހުގެ ވިޔަފާރި ނިމުނުއިރު ހިއްސާއެއްގެ އަގު ވަނީ 97.17 ޑޮލަރަށް އުފުލިފަ އެވެ. މިއާ އެކު އެންތްރޯޕިކްގެ ޖުމްލަ އަގު ވަނީ 1.8 ޓްރިލިއަން ޑޮލަރަށް އަރައިފަ އެވެ.
މި ބަދަލާ އެކު، 2021 ވަނަ އަހަރު އޯޕަންއޭއައި އިން ވަކިވެ އެންތްރޯޕިކް އުފެއްދި ހަތް ފައުންޑަރުންގެ ޖުމްލަ މިލްކިއްޔާތު ވަނީ ގާތްގަނޑަކަށް 163 ބިލިއަން ޑޮލަރަށް އުފުލިފަ އެވެ. ބޮޑެތި ޓެކް ކުންފުނިތަކާ ހިލާފަށް، މި ހަތް މީހުންގެ އަތުގައި ވެސް ހުރީ ގާތްގަނޑަކަށް އެއްވަރެއްގެ ހިއްސާ ކަމަށް ވާތީ، ކޮންމެ މީހެއްގެ މިލްކިއްޔާތު މިހާރު އުޅެނީ އެވްރެޖްކޮށް 23.3 ބިލިއަން ޑޮލަރުގަ އެވެ.
ބިލިއަނަރުންނަށް ވި ހަތް ފައުންޑަރުންނަކީ:
- ޑާރިއޯ އަމޯޑޭ: ކުންފުނީގެ ސީއީއޯ އަދި އޯޕަންއޭއައިގެ ކުރީގެ ރިސާޗް ވައިސް ޕްރެޒިޑެންޓް.
- ޑެނިއެލާ އަމޯޑޭ: ކުންފުނީގެ ރައީސް އަދި ބޯޑު ޗެއާ (ޑާރިއޯގެ ކޮއްކޮ).
- ޓޮމް ބްރައުން: ޗީފް ކޮމްޕިއުޓް އޮފިސަރު އަދި ޖީޕީޓީ-3 އުފެއްދުމުގައި އިސްކޮށް އުޅުނު އިންޖިނިއަރު.
- ކްރިސް އޯލާ: އޭއައި މޮޑެލްތައް މަސައްކަތްކުރާ ގޮތް ދިރާސާކުރާ ބައިގެ އިސްވެރިޔާ.
- ޖެރެޑް ކަޕްލާން: ޗީފް ސައިންސް އޮފިސަރު އަދި ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ޕްރޮފެސަރެއް.
- ސޭމް މެކްކޭންޑްލިޝް: ޗީފް އާކިޓެކްޓް.
- ޖެކް ކްލާކް: ޕަބްލިކް ބެނެފިޓް ޑިރެކްޓަރު އަދި ކުރީގެ ޓެކް ނޫސްވެރިއެއް.
މި ހަތް ފައުންޑަރުން ބިލިއަނަރުންނަށް ވީ ނަމަވެސް، އައިޕީއޯއަށް ފަހު އޮންނަ "ލޮކް-އަޕް" މުއްދަތުގެ ސަބަބުން އެ މީހުންގެ ހިއްސާތައް ވަގުތުން ވިއްކައެއް ނުލެވޭނެ އެވެ. އަދި މީގެ ކުރިން މި ހަތް މީހުން ވެސް ވަނީ، އެ މީހުންގެ އަމިއްލަ ހިއްސާގެ 80 ޕަސެންޓް، ދުނިޔޭގެ ސިއްހީ ދާއިރާ އާއި އޭއައި ރައްކާތެރިކަމުގެ ދިރާސާތައް ފަދަ ޗެރިޓީ ކަންކަމަށް ހަދިޔާކުރަން ވައުދުވެފ އެވެ.
ފައުންޑަރުންގެ އިތުރުން، މި އައިޕީއޯގެ ސަބަބުން އެންތްރޯޕިކްގައި މަސައްކަތްކުރާ ގާތްގަނޑަކަށް 2،800 މުވައްޒަފުން މިލިއަނަރުންނަށް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އޭގެ ތެރެއިން 600 އެއްހާ މުވައްޒަފުންގެ ހިއްސާގެ އަގު 100 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާއިރު، ގޫގުލްގެ ކުރީގެ ސީއީއޯ އެރިކް ޝްމިޑް ފަދަ، ކުރީކޮޅު އިންވެސްޓްކުރި މީހުންނަށް ވެސް ވަނީ ބިލިއަނުން ފައިދާވެފަ އެވެ.