އޭޝިއާގެ 17 އަހަރުންދަށުގެ ކޮލިފައިންގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ފަލަސްތީނު ކުޅުންތެރިއަކު ނަސްލީ ތަފާތުކުރުމުގެ އިޝާރާތެއް ކުރި ކަމަށް ބުނެ އިންޑިއާގެ ފުޓްބޯޅަ އިދާރާ(އޭއައިއެފްއެފް) އިން އޭއެފްސީއަށް މައްސަލަ ހުށަހަޅައިފި އެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަމްޕޫރުގައި ކުޅުނު އެ މެޗުގައި މައްސަލަ އުފެދިފައިވަނީ ފަލަސްތީނުގެ މިޑްފީލްޑަރު ތޯހާ ސުވައިދާން، އިންޑިއާގެ ކެޕްޓަން ދަލާލްމުއޯން ގަންގްޓޭ ކައިރިން ހިނގާފައި ދަމުން، ނޭފަތް ކައިރިން އަތްފޮޅާލާގޮތަށް ވިހެލި މަންޒަރަކާ ގުޅިގެންނެވެ.

އިންޑިއާއިން އެއީ ނަސްލީ ފުރައްސާރައެއް ކަމަށް ބުނި ނަމަވެސް، އުމުރުން 15 އަހަރުގެ ސުވައިދާން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްގައި އޭނާ ބުނީ އެއީ މެލޭޝިއާގެ ހޫނު މޫސުމަށް ނުހޭނޭތީ، ހޫނުވެގެން ބޭއިހްތިޔާރުން ކުރެވުނު ކަމެއް ކަމަށެވެ. 

"އަހަރެމެން ދެމެދުގައި އެއްވެސް ދެބަސްވުމެއް. ކުރިމަތިލުމެއް ނުވަތަ ހުތުރު ބަހެއް ބަދަލުކުރެވިފައެއް ނުވާނެ. އެ އިޝާރާތަކީ މެލޭޝިއާގެ ވައިގެ ތެތްކަން މަތިވުމުގެ ސަބަބުން އަހަރެންނަށް އިހުސާސްވި އުނދަގުލާ ހެދި ބޭއިހްތިޔާރުގައި ކުރެވުނު ކަމެއް. އެއީ އަހަރެން ހޭނިފައިވާ ކަހަލަ މޫސުމެއް ނޫން،" އިންސްޓަގްރާމްގައި ކުރި ޕޯސްޓްގައި ސްވައިދާން ލިޔުނެވެ. 

"މިކަމުގެ ހަގީގަތް ސާފުކުރަން ބޭނުންވާ ކޮންމެ މީހަކު ވެސް ސީދާ ދަލާލްމުއޯންއާ ވާހަކަދައްކައި، މެޗުގެ ތެރޭގައި އަހަރެން އޭނާއާ ދިމާލަށް ނަސްލީ ގޮތުން ދަށްކޮށްލާ ނުވަތަ ފުރައްސާރައިގެ އެއްވެސް ބަހެއް ބުނިންތޯ. ނުވަތަ އަހަރެމެން ދެމެދުގައި އެއްވެސް ދެބަސްވުމެއް ނުވަތަ ކުރިމަތިލުމެއް ހިނގިތޯ ސުވާލުކުރުމަށް އަހަރެން އެދެން."

ދެ ޓީމު ތިބީ ވެސް އެއް ހޮޓަލެއްގައިކަން ފާހަގަކޮށް ސްވައިދާން ބުނީ އެ މާހައުލުގައި ވެސް ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ވެސް އޮތީ އެކުވެރި އަދި އިހްތިރާމްގެ ގުޅުމެއް ކަމަށެވެ. 

ސްވައިދާން ބުނީ އޭނާއަށް ކުރެވުނު އިޝާރާތް ނުބައިކޮށް މާނަކުރެވިފައިވުމުން، އެކަމާ ހިތާމަކުރާ ކަމަށެވެ. 

"ހުރިހާ ބާވަތެއްގެ ނަސްލީ ތަފާތުކުރުންތަކާ ވަރަށް ބޮޑަށް އަހަރެން ދެކޮޅު ހަދަން. އަދި އެއްވެސް ނުބައި ނިޔަތެއް ނެތި ބޭއިހްތިޔާރުގައި ކުރެވުނު ކަމެއްގައި މިގޮތަށް މާނަކުރެވުމުން ވަރަށް ބޮޑަށް ހިތާމަކުރަން،" އޭނާ ލިޔެފައިވެ އެވެ.