ވަރަށް އަވަހަށް އެނބުރި ކޯޗިންގެ ތެރެއަށް އަންނާނެ ކަމަށް ފްރާންސްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ރެއާލް މެޑްރިޑުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުން ކޯޗިން ކެރިއަރު ފެށި ޒިދާން ދެން ފެނުނީ ޔޫތު ޓީމުންނެވެ. އޭގެ ފަހުން ސީނިއާ ޓީމާ ހަވާލުވެ ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނެވެ. އެއަށް ފަހު އިސްތިއުފާ ދިނުމަށް ފަހު އެނބުރި އައިސް ސްޕެނިޝް ލީގު ކާމިޔާބުކޮށްދިނެވެ. އެކަމަކު މިދިޔަ އަހަރު ދެ ވަނަ ފަހަރަށް އިސްތިއުފާ ދިން ފަހުން ހުރީ ޓީމަކާ ހަވާލުނުވެ އެވެ.
އިއްޔެ ޕެރިހުގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޒިދާން ބުނީ އޭނާ ހުރީ އެނބުރި އައުމާ މާ ދުރުގައި ނޫން ކަމަށެވެ.
"އަހަރެން ވަރަށް އަވަހަށް އެނބުރި އަންނާނަން. ކުޑަކޮށް އިންތިޒާރުކޮށްލާ. ވަރަށް އަވަހަށް އަންނާން،" ޒިދާން ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޒިދާން ހަވާލުވުމުގެ ފުރުސަތު އެންމެ ބޮޑީ ފްރާންސް ގައުމީ ޓީމާ އެވެ. އަންނަ މަހު ފަށާ ވޯލްޑް ކަޕަށް ފަހު ފްރާންސްގެ ކޯޗުކަމުން ޑިޑިއޭ ޑިޝޯމްޕްސް ވަކިވާނެކަން ޔަގީނެވެ. އެހެންވެ ބެލެވެނީ ޖެނުއަރީ މަހު ޒިދާން ފްރާންސްއާ ހަވާލުވާނެ ކަމަށެވެ.
ޒިދާން ދިއުމުގެ ފުރުސަތު އޮތް އަނެއް ޓީމަކީ އޭނާ ކުރިން ކުޅުނު އިޓަލީގެ ޔުވެންޓަސް އެވެ. ވޯލްޑް ކަޕުގެ ބްރޭކުގެ ތެރޭ އެ ޓީމުން ކޯޗު މެކްސިމިލިއާނޯ އެލެގްރީ ވަކިކޮށްފާނެ ކަމަށް ވާހަކަދެކެވެ އެވެ. އެހެންވެއްޖެ ނަމަ ޔުވެންޓަސްއާ ހަވާލުވުމުގެ ފުރުސަތު ޒިދާނަށް އޮންނާނެ އެވެ.
ފްރާންސްގެ ޕީއެސްޖީ އަކީ ވެސް ޒިދާނަށް ޝައުގުވެރިވާ ޓީމެކެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ފްރާންސްއާ އެކު 1998 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޒިދާނަކީ ދުނިޔެ ދުށް އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރެވެ.