ކޮވިޑް-19 އިން އަރައިގަތުމުގައި ރާއްޖޭގެ ޒުވާނުން ނަމޫނާ މަސައްކަތްތަކެއް ދައްކައި މުސްތަގުބަލަށް އުއްމީދީ އާބާދީއެއްކަން ސާބިތުކޮށްދީފައިވާ ކަމަށް ނައިބު ރައީށް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރަން ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ ގައުމުގެ ކޮންމެ ކަމެއްގައި ވެސް ޒުވާނުންގެ ދައުރު މުހިއްމުކަން ކޮވިޑުގައި ކުރި މަސައްކަތްތަކުން ވެސް ސާފުވެފައިވާ ކަމަށެވެ. މާލެ އާއި ރަށްރަށުގައި ކޮވިޑުން އަރައިގަތުމުގައި ރަށު ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި ޒުވާނުން ވަނީ ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއްގައި ބައިވެރިވެފަ އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ކޮވިޑް-19އިން އަރައިގަނެ ކުރިޔަށް ދިޔުމަށް މަސައްކަތް ކުރާއިރު، މުޖުތަމުގެ ވިސްނުންތަކާ އެކު ކަންކަން ނިންމުމުގައި ޒުވާނުންގެ ދައުރެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެ ކަމުގައި އޮތް ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ މަސައްކަތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ޒުވާނުން ކަން ފާހަގަކުރައްވައި ވިދާޅުވީ ތަރައްގީގެ ކޮންމެ މަރުހަލާއެއްގައި ވެސް ޒުވާނުން ޝާމިލުކުރަން ޖެހޭ ސަބަބަކީ އެއީ ކަމަށެވެ. ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރަން ކުރާ މަސައްކަތުގައި ޒުވާނުން އަދާކުރާ ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"މާދަމާގެ މުސްތަގުބަލަށްޓަކައި އެންމެ މުހިއްމު ކަމަކީ، ޒުވާނުން ބާރުވެރިކުރުން. ޒުވާނުންނަށް ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ހޯދައިދީ، ޒުވާނުންނަކީ ގާބިލް ބަޔަކަށް ހެދުން،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅަށް ފުރައިވަޑައިގެންނެވީ މިއަދު ހެނދުނު އެވެ. މި ދަތުރުފުޅުގައި ޒުވާނުންގެ ދުވަހާ ދިމާކޮށް ކުޅުދުއްފުށީގައި ބާއްވާ މައުރަޒު ވެސް ހުޅުއްވައިދެއްވާނެ އެވެ. އަދި މި ދަތުުރުފުޅުގައި އެ އަތޮޅު ނޮޅިވަރަމަށް ވަޑައިގެން އެ ރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ރަށު ސުކޫލާއި ސިއްހީ މަރުކަޒަަށް ޒިޔާރާތް ކުރައްވާނެ އެވެ.

ކުޅުދުއްފުށީގައި ޒުވާނުންގެ ދުވަސް ފާހަގަކުރަނީ ޔޫތު މިނިސްޓްރީ އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ރާއްޖޭގައި ހުންނަ އދ ގެ އޮފީސް ގުޅިގެންނެވެ.