ދޯހާ (އޮގަސްޓް 1) - ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ސައުދީ އަރަބިއާ، ބަހުރޭން، ޔޫއޭއީ އަދި މިސްރުން އެޅި ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޝަކުވާ އެ ގައުމުން ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ޑަބްލިއުޓީއޯ) އަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ފުރަތަމަ ދާނީ ޑަބްލިއުޓީއޯގެ ޑިސްބިއުޓް މަރުހަލާއަށެވެ. އެ މަރުހަލާގައި އޮންނާނީ ގައުމުތަކުން ބައްދަލުކޮށް މި މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކޮށް ހައްލެއް ހޯދުމެވެ. އެކަމަކު 60 ދުވަސް ތެރޭ ހައްލެއް ނުހޯދިއްޖެ ނަމަ ދެން އެ މައްސަލަ ދާނީ ޑަބްލިއުޓީއޯ އިން ކަނޑައަޅާ ޕެނަލަކަށެވެ.
ގަތަރުން ރަސްމީކޮށް މައްސަލަ ޑަބްލިއުޓީއޯ އަށް ހުށަހަޅާފައިވާ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ބުނި ނަމަވެސް ޑަބްލިއުޓީއޯ އިން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ސައުދީ އަރަބިއާ، ޔޫއޭއީ، ބަހުރޭން އަދި މިސްރުން ޖޫން 5 ވަނަ ދުވަހު ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އެވެ. ނަމަވެސް ގަތަރުން އެކަން ދޮގުކުރެ އެވެ.
ގަތަރާ ގުޅުން ކަނޑާލުމަށް ފަހު ސައުދީ އަރަބިއާ، ޔޫއޭއީ، ބަހުރޭން އަދި މިސްރުން ވަނީ ގަތަރު އެއާވޭސްގެ ބޯޓުތަކަށް އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ. ސައުދީން ވަނީ ގަތަރަށް އެއްގަމު މަގުން މުދާ ފޮނުވުން ވެސް ހުއްޓާލައިފަ އެވެ.