އިނގިރޭސި ވިލާތުގައި ބޭއްވި ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ލަންޑަންގައި ކުރިއަށް ގެންދިޔަ ފެސްޓިވަލްގައި، ރާއްޖެ ތަމްސީލު ކުރުމުގައި އިސްވެ ހަރަކާތްތެރިވެވަޑައިގަތީ، އިނގިރޭސި ވިލާތް، ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން އަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު އަހްމަދު ޝިއާން އެވެ.

ޝިއާންގެ އިތުރުން، ރާއްޖޭ ތަމްސީލް ކޮށްދިނުމަށް 65 ކުންފުންޏަކުން 169 ފަރާތަކުން ވަނީ ބައިވެރި ވެފަ އެވެ. އެގޮތުން އެކި ރިސޯޓުތަކާއި ހޮޓާ، ގެސްޓް ހައުސް އަދި ފަތުރުވެރި ކަމުގެ ދާއިރާގެ ބައެއް އިސްބޭފުޅުން ވެސް މި ފެސްޓިވަލްގައި ބައިވެރިވެވަޑައިގަތެވެ.

ވޯލްޑް ޓްރެވަލް މާކެޓް 2018 ގައި ރާއްޖެ ތަމްސީލު ކޮށްދޭ ޓީމް -- ފޮޓޯ: ވިސިޓް މޯލްޑިވްސް
ވޯލްޑް ޓްރެވަލް މާކެޓް 2018 ގައި ރާއްޖެ ތަމްސީލު ކޮށްދޭ ޓީމް -- ފޮޓޯ: ވިސިޓް މޯލްޑިވްސް

ވޯލްޑް މާކެޓް ތެރޭގައި، ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތައް ޝައުގުވެރިކަން ހުންނަ ފަރާތް ތަކުން ރާއްޖޭގެ ސްޓޯލްތަކަށް ޒިޔާރަތް ކުރުމުން ކުޅި ކާޖާ އަދި ތެލުލި ބަނބުކެޔޮ ފަދަ އުފެއްދުންތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ދީފައިވެ އެވެ. އަދި ސްޓޯލްތަކަށް ޒިޔާރަތް ކުރާ މީހުންނަށް، ވާޗުއަލް ރިއަލިޓީގެ ޒަރިއްޔާއިން ރާއްޖޭގެ ގުދުރަތީ ރީތިކަން ބަލައިލުމުގެ ފުރުސަތު ވެސް ލިބުނެވެ.

ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖޭގެ ރީތިކަން ތަޖުރިބާ ކުރަން ވާޗުއަލް ރިއަލިޓީ މާސްކް ބޭނުން ކުރާނީ -- ފޮޓޯ: ވިސިޓް މޯލްޑިވްސް
ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖޭގެ ރީތިކަން ތަޖުރިބާ ކުރަން ވާޗުއަލް ރިއަލިޓީ މާސްކް ބޭނުން ކުރާނީ -- ފޮޓޯ: ވިސިޓް މޯލްޑިވްސް

މި އަހަރުގެ ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖޭގެ ސްޓޯލަށް ދިއުމުން ހާއްސަ ލަކީ ޑްރޯއެއްގައި ވެސް ބައިވެރި ވުމުގެ ފުރުސަތު ވެސް އޮތެވެ. އެގޮތުން 'މޯ ހޮޓެލްސް އެންޑް ރިސޯޓްސް' އިން ސްޕޮންސާ ކޮށްގެން ކުރިޔަށް ގެންދާ މި ލަކީޑްރޯ ކާމިޔާބުކުރާ މީހަކަށް ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްލުގެ ފުރުސަތު ލިބިގެން ދާނެ އެވެ.

ރާއްޖެއިން ވޯލްޑް ޓްރެވަލް މަކެޓްގައި ބައިވެރިވާ 34 ވަނަ އަހަރެވެ. އެގޮތުން 1984 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖެ ތަމްސީލު ކުރުމަށް ޓީމެއް ބައިވެރި ވެ އެވެ.